ތަރައްްޤީ

18 އަހަރަށްފަހު ތޮއްޑޫން ގޯތި ދޫކުރަނީ


އއ. ތޮއްޑޫން މީހުން ދިރިއުޅުމަށް އަށާރަ އަހަރުގެ މުއްދަތަކަށްފަހު ގޯތި ދެއްވަން ނިންމަވައިފިއެވެ.

ގިނަ އަހަރުތަކެއް ފަހުން އެރަށުން ގޯތިދެއްވަން ނިންމެވިއިރު މިފަހަރު 100 ގޯތި ދޫކުރެއްވުމަށް ކަނޑައަޅުއްވާފައިވާކަމަށް އެރަށު ކައުންސިލުގެ ޒިންމާދާރު އިސްވެރިޔާ އިބްރާހީމް ވަޙީދު ވިދާޅުވިއެވެ. އިބްރާހީމް ވަޙީދު ވިދާޅުވީ އާބާދީ އިތުރުވަމުންދާ އެރަށުގައި ގޯތި ދޫކުރައްވާއިރު ސައިޒަށް ބަދަލުގެންނެވުމުގެ މަސައްކަތްވެސް ކުރެވުނުކަމަށެވެ. މިގޮތުން ފަހުން ދެއްވާ ގޯތި ކުރިން ދެއްވާފައި ހުރި ގޯތިތަކަށްވުރެ ކުޑަވުމުން، ރައްޔިތުން އެކަމާ ހިތްހަމަނުޖެހުން އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު އެރަށުން ދޫކުރެއްވުމަށް ނިންމަވާފައިވަނީ، ތިންހާސް އަކަފޫޓުގެ ގޯއްޗެވެ. މިގޯތި ތަކަށް އެދި ހަތަރު ސަތޭކަ ބާރަ މީހުން ފޯމު ހުށަހަޅާފައިވެއެވެ. އަދި މިހާރު ކުރިއަށްދަނީ، ހުށަހަޅާފައިވާ ފޯމުތަކުގައިވާ މަޢުލޫމާތު ސާފުކުރެއްވުމުގެ މަސައްކަތްކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ތޮއްޑޫން މިފަހަރު ގޯތި ދޫކުރައްވަން ނިންމަވާފައިވަނީ މިހާރު އާބާދުވެފައި އޮތް ސަރަޙައްދާ ގުޅުވައިގެންނާއި އަދި އެރަށުގެ ދެކުނުފަރާތު ބޯޅަ ދަނޑުކައިރިންކަމަށްވެސް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ތޮއްޑުއަކީ އާބާދީގައި 1998 މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.