ތަރައްްޤީ

ގެސްޓް ހައުސް ކޮންފަރެންސެއް ރާއްޖޭގައި ބާއްވަނީ


ދިވެހިރާއްޖޭގައި ގެސްޓްހައުސްގެ ވިޔަފާރި ފުޅާވެ، ކުރިއަރަމުން އަންނައިރު، ރާއްޖޭގައި ތިންސަތޭކައަށްވުރެ ގިނަ ގެސްޓް ހައުސް އަމިއްލަ ފަރާތްތަކުން ހިންގަމުން ގެންދެއެވެ. ގެސްޓް ހައުސް ވިޔަފާރިތަކަކީ އެކި ރަށްތަކުގައި ހިންގާ ވިޔަފާރިތަކެއް ކަމަށްވުމާއެކު މިވިޔަފާރިކުރަމުން އަންނަ ފަރާތްތަކަށް ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކެއް ފަހިވެފައެއް ނުވެއެވެ.

މޯލްޑިވްސް ގެޓްއަވޭސް ޕްރައިވެޓް ލިމިޓެޑުން އިސްނަގައިގެން މިދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން "ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސް" އެއް ބޭއްވުމަށް މިހާރު މިވަނީ ނިންމަވާފައެވެ. 

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގެ މަޤްޞަދަކީ މިދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަށް އެއްތަނަކުން ބައްދަލުވެވޭނެ މާޙައުލެއް ޤާއިމުކޮށްދީ، ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކެއް ފަހިކޮށްދިނުންކަމަށް އެކުންފުނީގެ ބިޒްނަސް ޑިވެލޮޕްމަންޓް ޑިރެކްޓަރ، ޑޮކްޓަރ ޙުސައިން ސަނީ ޢުމަރު ވިދާޅުވިއެވެ. އަދި މިކޮންފަރެންސްގައި ގެސްޓްހައުސް އިންޑަސްޓްރީ އިތުރަށް ކުރިއެރެވުމަށް ދާއިރާގެ ކަންތައްތައް، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕްރޮމޯޓްކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ވިދާޅުވިއެވެ. 

img:http://s4.psmnews.mv/images/660x400/14676359721658.jpg|ގެސްޓް ހައުސް ކޮންފަރެންސްގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖެއްސެވުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ސަނީ ވިދާޅުވީ މި ކޮންފަރެންސްގައި ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރީގެ ދާއިރާގައި ޙަރަކާތްތެރިވާ ސަތޭކަ ފަންސާސް ފަރާތަކާއި، ބައިނަލްއަޤްވާމީ އެޖެންޓުން ބައިވެރިވާނެކަމަށެވެ.

 "ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސް"ގެ އޮފިޝަލް މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސާ އެކަމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ. ދިވެހިރާއްޖޭގެ އަޑުގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދުއެވެ.   މޯލްޑިވްސް ގެޓްއަވޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ބިޒްނަސް ޑިވެލޮޕްމަންޓް ޑިރެކްޓަރ، ޑޮކްޓަރ ޙުސައިން ސަނީ ޢުމަރުއެވެ.

މިރަސްމިއްޔާތުގައި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދު، ވިދާޅުވީ ގެސްޓް ހައުސްގެ ވިޔަފާރި ރާއްޖޭގައި ކުރިއަރަމުން އަންނައިރު މިފަދަ ކޮންފަރެންސަކީ ދާއިރާ މާރކެޓްކޮށް، ތަޖުރިބާ ޙިއްޞާކުރެވިގެންދާނެ ކޮންފަރެންސެއްކަމަށެވެ. އަދި މިކޮންފަރެންސް ޕީއެސްއެމްގެ ވަޞީލަތްތައް މެދުވެރިކޮށް ގެނެސްދޭނެކަމަށް ޝާޔަން ވިދާޅުވިއެވެ.

ރާއްޖޭގައި އަލަށް ބާއްވާ ގެސްޓް ހައުސް މޯލްޑިވްސް ކޮންފަރެންސްގައި ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުގެ ކަމާގުޅޭ ފަރާތްތަކުން ޙަރަކާތްތެރިވާނެކަމަށް މޯލްޑިވްސް ގެޓްއަވޭސް ޕްރައިވެޓް ލިމިޓެޑުން ހާމަކުރެއެވެ.