ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރާނީ ނޫސްވެރިންނާއި ގުޅިގެން، ހާމަކަން ބޮޑުކޮށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. 
ނާއިބު ރައީސް މިފަދައިން ވިދާޅުވީ މީޑިއާ ކައުންސިލްގެ 11 ވަނަ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ ނޫސްވެރިން ބާރުވެރިކުރުވާއި ކުރިއެރުވުމަަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާކަމަށެވެ. އަދި ސަރުކާރުން ނޫސްވެރިންނާއި ގުޅިގެން މަސައްކަތް ކުރައްވާ ކަމަށާއި ސަރުކާރުން މައުލޫމާތުތައް ސިއްރު ކުރުމުގެ އެއްވެސް ސިޔާސަތެއް ނުގެންގުޅުއްވާކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ނޫސްވެރިންގެ ޒިންމާ އަދާކުރުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.  
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަކީ ނޫސްވެރިންނާއި ވަރަށް ގާތުން މަސައްކަތް ކުރައްވާ ރައީސެއް. އެމަނިކުފާނުގެ ކެބިނެޓާއި އެމަނިކުފާނުވެސް ނޫސްވެރިންނާއި ބައްދަލުކުރެއްވަމުން ގެންދަވާކަން އަޅުގަނޑު ނުހަނު އުފަލާއެކު ފާހަގަކުރަން. މިއަދު ސަރުކާރުގެ ސިޔާސަތުތަކާއި އެކި ކަންކަމަށް ސަރުކާރުން ކުރާ ހޭދަތަކުގެ މައުލޫމާތު މީޑިއާއަށް ފޯރުވުމެއް ނެތި، ހާމަކުރަމުންދިޔުމަކީ ވެސް އަޅުގަނޑު ނުހަނު އުފާކުރާކަމެއް" ނާއިބުރައީސް ވިދާޅުވިއެވެ. 
ނާއިބު ރައީސް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ސަރުކާރުން އިންތިހާއަށް ފަހިކޮށްދީފައިވާއިރު ރާއްޖޭގެ ނޫސްވެރިން ހާސިލްކޮށްފައިވާ ކުރިއެރުންތަކާއި ކާމިޔާބީތައް ގިނަކަމަށެވެ. އަދި ނޫސްވެރިކަމަށް ފަހި ޒަމާނެއް މިއަދު ދެކެމުންދާއިރު ނޫސްވެރިކަމުގެ ދާއިރާގައި ތެރޭގައި ގިނަ ޒުވާނުން ފެންނަމުން ދިޔުމަކީ އުފާ ކުރައްވާކަމެއް ކަމަށްވެސް ނާއިބުރައީސް ވިދާޅުވިއެވެ. 
ނާއިބުރައީސް ވަނީ ޚަބަރާއި މައުލޫމާތު ފެތުރުމުގައި ނޫސްވެރިން ސަމާލުކަން ދޭންޖެހޭކަމަށް ވިދާޅުވެ، ސައްހަ މައުލޫމާތު ފޯރުކޮށްދިނުމާއި ހައްސާސް ކަންތައްތަކުގައި ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށާއި އިންސާނީ ކަރަމާތް ގެއްލޭ ގޮތަށް ދޮގު މައުލޫމާތު ނުފެތުރުމަށް ނޫސްވެރިންނަށް އިލްތިމާސް ކުރައްވާފައެވެ. 
މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވަނީ ނޫސްވެރިކަމުގެ އިނާމު ހާސިލުކުރި ބައެއް ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވާފައެވެ.