ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯނުގައި ބަހައްޓާފައި ހުރި ބާވެ ދުވަސްވެފައިވާ ވެހިކަލްތައް ނަގާ އެ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީއިން ފަށައިފިއެވެ. 
އެޗް.ޑީ.ސީއިން ވިދާޅުވީ، މިއީ ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފެށި މަސައްކަތެއްކަމަށެވެ. 
އެގޮތުން އިންޑަސްޓްރިއަލް ޒޯނު ހިމެނޭ ސަރަހައްދުގައި ޕާކު  ކޮށްފައިވާ އުޅަނދުތަކާއި ދުވާރުމަތީ ބަހައްޓާފައިވާ ތަކެތި ނަގައި އެސަރަހައްދު ސާފުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. 
އެ ކޯރޕަރޭޝަނުން މި މަސައްކަތް ފަށާފައިވަނީ ކަމާބެހޭ އިދާރާތަކާގުޅިގެންނެވެ. މީގެ ތެރޭގައި ދަތުރުފަތުރާބެހޭ ވުޒާރާއާއި، ފުލުހުންނާއި، އެމްޕީއެލްގެ އިތުރުން މާލޭ ސިޓީ ކައުންސިލާއި ވެމްކޯއިން އަންނަނީ މިކަމުގައި އެޗް.ޑީ.ސީއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. 
ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯން ސާފުކުރުމުގެ މަސައްކަތް އެޗް.ޑީ.ސީއިން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ފަށާފައި މިވަނީ އެ ސަރަޙައްދުގައި މަދިރި އުފެދޭގޮތަށާއި، ޤަވާއިދާ ޚިލާފަށް ދުވާރު މަތީގައި ބަހައްޓާފައި ހުރި ތަކެތި ނެގުމަށް މީގެކުރިން އެންގުމަށްފަހުގައެވެ.