ޚަބަރު

ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި ގުޅޭގޮތުން ޗިލޭއާއެކު މަޝްވަރާކުރައްވައިފި


  • ރައީސުލްޖުމްހޫރިއްޔާވަނީ ޗިލޭ ސަފީރަށް މަރުހަބާ ވިދާޅުވެފައި

  • ދިވެހިރާއްޖެއާ ޗިލޭއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1 މޭ 1987ގައި

އިޤްތިޞާދީ ގޮތުންނާއި، ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުން ދިވެހިރާއްޖެއާއި ޗިލޭއިން މަޝްވަރާކުރައްވައިފިއެވެ.

މިމަޝްވަރާތއް ކުރެއްވީ ޗިލޭ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހުއަން އެންގުލޯ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އެރުއްވުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކުއެވެ.

ޗިލޭގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި އިޤްތިޞާދީ ގޮތުންނާއި، ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ފަތުރުވެރިކަން ފަދަ ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުން ހިމެނެއެވެ.

ދިވެހިރާއްޖެއާ ޗިލޭއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1987 ވަނަ އަހަރުގެ މޭ މަހުގެ 01 ވަނަ ދުވަހުގައެވެ.

ޗިލޭ ސަފީރަކީ ނޮން-ރެޒިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. ޗިލޭގެ ސަފީރު ހުންނަވާނީ އިންޑިއާގެ ވެރިރަށް، ނިއުދިއްލީ ގައެވެ.