ދިވެހިރާއްޖެ އާއި އޮމާންއާ ދެމެދު ވިސާގެ ފަސޭހަކަން ހޯދުމަށް މަސައްކަތް ކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއާއި އޮމާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއް އައު ސަފީރު އަޙްމަދު ޢަލީ ސާޢިދު އަލް ރަޝްދީ މަޝްވަރާކުރައްވައިފިއެވެ.
މިމަޝްވަރާތައް ކުރެއްވީ އޮމާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، އަޙްމަދު ޢަލީ ސާޢިދު އަލް ރަޝްދީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އެރުވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މިރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ.
އޮމާންގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަޙުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.
އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ދެ ޤައުމަށް ވިސާގެ ފަސޭހަތައް ލިބިދިނުމަށް އިތުރު މަސައްކަތްތައް ކުރުމާއި ދެ ޤައުމުގެ މަތީ ފަންތީގެ އިތުރު ދަތުރުތަކަށް މަގުފަހިކުރުން ހިމެނެއެވެ.
ދިވެހިރާއްޖެއާއި އޮމާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1981 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.
އޮމާން ސަފީރަކީ ނޮން-ރެޒިޑެންޓް ސަފީރުގެ ގޮތުގައި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. އޮމާން ސަފީރު ހުންނަވާނީ ސްރީލަންކާގައެވެ.