ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ރަޝިއާ އަދި ކަޒަކިސްތާނުގައި ރޯޑް ޝޯތަކެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ނެޝަނަލް ހޮޓެލްސް އެންޑް ގޭސްޓްހައުސް އެސޯސިއޭޝަން އޮފް މާލްޑިވްސް، އެންއެޗްޖީއޭއެމްއިން ވިޒިޓް މާލްޑިވްސް ކޯޕަރޭޝަން، ވީއެމްސީ، އަދި މާލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓޫރް އޮޕަރޭޓާސް، މަޓާޓޯއާ ގުޅިގެންނެވެ.
"އައި އެމް މޯލްޑިވްސް ސީއައިއެސް ރީޖަން ރޯޑްޝޯ"ގެ ނަމުގައި ބާއްވާ މި ހަރަކާތް ކުރިއަށްދާނީ ފަތުރުވެރިކަމުގައި ފާހަގަކޮށްލެވޭ 3 ސިޓީއެއްގައެވެ. ވިޒިޓް މޯލްޑިވްސްއިން ވިދާޅުވީ މި ރޯޑް ޝޯގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު އުފެއްދުންތަކާއި ތަޖުރިބާތައް އިޝްތިހާރުކޮށް ވިޔަފާރި ގުޅުންތައް ބަދަހިކުރެވޭނެ ކަމަށެވެ.
މި ރޯޑްޝޯ ކުރިއަށްދާނީ މިމަހުގެ 21 ގައި ރަޝިޔާގެ މޮސްކޯގައި، މިމަހުގެ 23ގައި ރަޝިއާގެ ސެއިންޓް ޕީޓާސްބާގުގައި، އަދި މިމަހުގެ 25 ގައި ކަޒަކިސްތާނުގެ އަލްމާޓީގައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގެސްޓްހައުސް، ރިޒޯޓް، ހޮޓާ، ސަފާރީ އުޅަނދުފަހަރު އަދި ޓްރެވަލް އެޖެންސީތައް ހިމެނޭހެން ޖުމްލަ 25 ކުންފުންޏަކުން 50 އަށް ވުރެ ގިނަ މަންދޫބުން މި ރޯޑް ޝޯގައި ބައިވެރިވާނެއެވެ. މި ހަރަކާތުގައި ރާއްޖޭގެ މެހެމާންދާރީގެ ފުރިހަމަކަމާއި ލިބެންހުރި ތަފާތު ޚިދުމަތްތައް ދައްކުވައިދޭނެއެވެ. އަދި މި ތިން ސިޓީގެ ޓުއާ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންޓުންނާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިސް ނިންމުންތައް ނިންމާ ފަރާތްތައް ހިމެނޭގޮތަށް 180 އަށް ވުރެ ގިނަ ޓްރޭޑް ޓްރެވަލް ޕްރޮފެޝަނަލުން މި ހަރަކާތްތަކުގައި ބައިވެރިވާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު ރަޝިޔާއިން ރާއްޖެއަށް 278,761 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 23.8 އިންސައްތަ އިތުރުވުމެކެވެ. އަދި މިއަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެއަށް 214,168 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެޤައުމަކީ ރާއްޖެއަށް 2ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. ކަޒަކިސްތާނަކީ ރާއްޖެއަށް 11ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ.