ޚަބަރު

އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބު ދެނެގަތުމަށް ޢާންމުންގެ ޚިޔާލު ހޯދަނީ


  • ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައި

  • އީމެއިލް މެދުވެރިކޮށް ހިޔާލު ހުށަހެޅޭނެ

އެންމެފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ސަބަބު ދެނެގަތުމަށް ހަދާ ދިރާސާއަށް ޢާންމުންގެ ޚިޔާލު ހުށައެޅުމަށް އެ ޕާޓީން ހުޅުވާލައިފިއެވެ.

ނިމިދިޔަ އިންތިޚާބުތަކުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއަށް ނާކާމިޔާބިއާ ކުރިމަތިލާންޖެހުނު ސަބަބުތައް ދިރާސާކުރުމަށް ނިންމާފައިވަނީ އެ ޕާޓީގެ ޤައުމީ މަޖިލީހުންނެވެ. އެ ބައްދަލުވުމުގައި ވަނީ އިންތިހާބުން ބަލިވި ސަބަބުން ދެނެގަތުމަށް ރައްޔިތުން ދެކޭގޮތް ހޯދައި ޕާޓީގެ ކުރިމަގު ބައްޓަންކުރާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލަންވެސް ނިންމާފައިވެއެވެ.

އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބު ވީގޮތް ދެނެގަތުމަށް ދިރާސާކުރާ ކޮމިޓީއެއް އުފައްދާފައިވާ ކަމަށެވެ. އަދި މި ކޮމިޓީއަށް މަޢުލޫމާތާއި ޚިޔާލު ހުށައަޅަން ބޭނުންވާ މީހުން އެމްޑީޕީގެ މެއިލް [email protected]އަށް ޚިޔާލާއި މަޢުލޫމާތު ހުށައެޅޭނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢިލް މީގެ ކުރިން ވިދާޅުވެފައިވަނީ ޕާޓީގެ ކުރިމަގު ބައްޓަންކުރާނެ ގޮތް އެނގޭނީ ދިރާސާއަށްފަހު ކަމަށެވެ.

ނިމިދިޔަ މަޖިލީހުގައި ސުޕަރ މެޖޯރިޓީ އޮތް އެމްޑީޕީއަށް ނިމިދިޔަ މަޖިލިސް އިންތިޚާބުގައި 93 ދާއިރާގެ ތެރެއިން ކާމިޔާބުވީ އެންމެ 12 ގޮނޑިއެވެ. މިފަހަރުގެ އިންތިހާބުގައި 66 ގޮނޑި ކާމިޔާބުކޮށް ވެރިކަންކުރާ ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދާފައެވެ.