ޚަބަރު

މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ރައީސް ކުރެއްވި މަސައްކަތަށް ހުރަސްއެޅީ ކުރީ ސަރުކާރުން: ނަރީޝް


  • މޭޔަރު ކަމުގައި ހުންނަވައިގެންވެސް ރައީސް މަސައްކަތް ފެއްޓެވި

  • ސަރުކާރުން އެއްބާރުލުން ނުލިބުމުން އެ މަސައްކަތް އޮތީ ހުއްޓިފައި

  • މި ސަރުކާރުން ފެށި މަޝްރޫއާއެކު މާލޭގެ ރައްޔިތުންނަށް ހިތްހަމަޖެހުން ލިބިއްޖެކަމަށް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނެވިއިރު މާލޭގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތަށް ހުރަސް އެޅީ ކުރީ ސަރުކާރުން ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

މާލޭގެ ފެންބޮޑުވާ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ފެށި މަޝްރޫއާ ގުޅިގެން ނަރީޝް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މޭޔަރު ކަމުގައި ހުންނަވައިގެން މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯއްދެވުމަށް ފެށި މަސައްކަތަށް އޭރުގެ ސަރުކާރުން އެއްބާރުލުން ނުދިން ކަމަށެވެ. އެހެންވެ އެ މަސައްކަތް އޮތީ ހުއްޓިފައި ކަމަށް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ސަރުކާރުގެ ކަމާގުޅުންހުރި އިދަރާތަކުން މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް އަމަލީ މަސައްކަތް ފެށުމަކީ މާލޭގެ ރައްޔިތުންނަށް ލިބިގެންދިޔަ ހިތްހަމަޖެހުމެއް ކަމަށް ނަރީޝް ވިދާޅުވިއެވެ. އެކަމަށްޓަކައި ރައީސަށް އޭނާ ވަނީ މާލޭގެ ރައްޔިތުންގެ ނަމުގައްޔާއި ކައުންސިލަރުންގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ.

މާލޭގައި ފެން ބޮޑުވާ މައްސަލައަށް ހައްލު ހޯދުމަށް ފެށި މަޝްރޫއު ކުރިއަށް ގެންދަނީ ޤައުމީ ދިފާޢީ ބާރާއި އިމާރާތް ކުރުމާއި ބިނާރާ ބެހެ ވުޒާރާއާއި ރޯޑްޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީ ގުޅިގެންނެވެ. މިގޮތުން މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ އެއް ސަރަހައްދުކަމުގައިވާ ވެސްޓް ޕާކް ސަރަހައްދުންނެވެ.