ޚަބަރު

ސިފައިންގެ 70 ވަނަ އަސާސީ ތަމްރީން ކޯސް ނިންމި ދަރިވަރުން ހުވާކޮށްފި


  • ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ

  • މި ކޯސް ފުރިހަމަކޮށް 98 ދަރިވަރަކުވަނީ ހުވާކޮށްފައި

ދިވެހި ސިފައިންގެ 70 ވަނަ އަސާސީ ތަމްރީން ކޯސް ނިންމި ދަރިވަރުން ހުވާކޮށްފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހަވީރު ގިރިފުށި ޓްރެއިނިންގ ސެންޓަރުގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ތަމްރީން ޕްރޮގްރާމް ނިންމި ދަރިވަރުންނާ ބަޑިހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ދިފާއީ ވަޒީރު ޣައްސާން މައޫމޫނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސިފައިންގެ 70 ވަނަ އަސާސީ ތަމްރީން ކޯސް 130 ދަރިވަރުން ފެށި ނަމަވެސް ކޯސް ފުރިހަމަކޮށް ހުވާކޮށްފައިވަނީ 98 ދަރިވަރުންނެވެ. އެއީ 89 ފިރިހެން ދަރިވަރުންނާއި 9 އަންހެން ދަރިވަރުންނެވެ. މި ދަރިވަރުންނާ ހުވާލާދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުއެވެ.

މި ކޯސް ފުރިހަމަ ކުރި ދަރިވަރުންގެ ދަސްވެނިވުމުގެ ގޮތުން ޕާސިން އައުޓް ޕެރޭޑް މިދިޔަ މަހު ވަނީ ބާއްވާފައެވެ.

70 ވަނަ އަސާސީ ތަމްރީން ކޯސް ކުރިއަށްގެންގޮސްފައިވަނީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން 28 އޮކްޓޯބަރު 2023 އިން ފެށިގެން ފަސް މަސް ދުވަހުގެ ނިޔަލަށެވެ. މި ކޯހުގެ ތަމްރީނުތައް ކުރިއަށްގެންދިޔައީ ޅ.މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ދަ ބޭސިކް ސްކޫލުގައެވެ.

އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ.

އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބި ކުރާ، ސިފަވަންތަ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ، ހަށިހެޔޮ މީހަކަށް ހެދުމާ އެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމަށެވެ.