ޚަބަރު

އެއަރޕޯޓުގެ ޓެކްސީ ކިއުގެ ކަންކަން ކުރިއަށްދާގޮތް ދަތުރުފަތުރާބެހޭ ވަޒީރު ބައްލަވާލައްވައިފި


  • ބޮޑުއަގުގައި ދަތުރުކުރާ މައްސަލަ ގިނަ ބަޔަކު ފާހަގަކުރޭ

  • ޓެކްސީ މެނޭޖްކުރާނެ ގޮތުގެ ޕްލޭނެއް ވަނީ އެކުލަވާލާފައި

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޒިޔާރަތްކުރައްވާ ޓެކްސީ ކިއުގެ ކަންކަން ކުރިއަށްދާގޮތް ބައްލަވާލައްވައިފިއެވެ

އެއަރޕޯޓްގެ ޓެކްސީ ކިއުއާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތައް އިތުރުވަމުންދާތީ، އެ މައްސަލަ ހައްލުކުރުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވަނީ ފުލުހުންނާއި، އެއަރޕޯޓް ހިންގާ އެމްއޭސީއެލްއާއި ގުޅިގެން މަސައްކަތްތަކެއް ފަށާފައެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖެ އަންނަ ފަތުރުވެރިންނަށާއި ދިވެހިންނަށް އެއަރޕޯޓް ޓެކްސީ ކިއުއިން ކުރިމަތިވާ މައްސަލަތައް ބޮޑުވެ، އާންމު ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައް އިތުރުވަމުންދާކަމަށެވެ.

ޓެކްސީތަކާއި ގުޅޭގޮތުން ލިބިފައިވާ ބައެއް ޝަކުވާތަކުގެ ތެރޭގައި ވަކި މަންޒިލަކަށް ނޫނީ ދަތުރުކުރުމަށް ޓެކްސީ ޑްރައިވަރުން އުޒުރުވެރިވުމާއި، ދަތުރެއް ނެގުމަށް ފަހު އިތުރު ފަސިންޖަރުން އަރުވައިގެން ދަތުރުކުރުމާއި، އެ ވުޒާރާއިން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ދަތުރުކުރުން ހިމެނޭކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

އާއްމުން ހުށަހަޅަމުންދާ ޝަކުވާތައް ބަލައި، އެކަންކަމަށް ހައްލެއް ގެނައުމަށް ޓެކްސީ ޝަކުވާބެލުމާ ގުޅޭ ކޮމެޓީއެއް މިހާރު އެކުލަވާލާފައިވާކަމަށް ވުޒާރާއިން ވިދާޅުވެއެވެ. އަދި މިހާތަނަށް ލިބިފައިވާ ޝަކުވާތަކުގެ ތެރެއިން އެކަށީގެންވާ މިންވަރަށް މައުލޫމާތު ލިބިފައިވާ މައްސަލަތައް ބަލައި، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާފައިވާކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

މިކަން ހައްލުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ސީދާ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން އެއަރޕޯޓް ޓެކްސީ ކިއުއަށް މިއަދު ވަޑައިގެން ވަނީ ކަންކަން ކުރިއަށްދާގޮތާގުޅޭގޮތުން މަޢުލޫމާތު ސާފުކުރައްވާފައެވެ. އެމަނިކުފާނުގެ އަރިހުގައި ދަތުރުފަތުރާބެހޭ ވުޒާރާގެ ބައެއް އިސްވެރިންނާއި ފުލުހުންނާއި އެމްއޭސީއެލްގެ އިސް އޮފިޝަލުން އެތަނުގައި ހަރަކާތްތެރިވެފައެވެ.


ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ ޓެކްސީތަކާއި ގުޅޭ އެކި މައްސަލަތައް ހައްލުކުރުމަށްޓަކާ، ކަމާބެހޭ ވުޒާރާތަކާއި އެމްއޭސީއެލްއާ ދެމެދު މަޝްވަރާކުރެވި އެއަރޕޯޓު ޓެކްސީ މެނޭޖްކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލައި، އަންގާރަ ދުވަހުން ފެށިގެން ޕްލޭނަށް އަމަލުކުރަމުންދާކަމަށެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެއަރޕޯޓުގައި ހަރަކާތްތެރިވަމުންދާނެކަމަށާއި، ގަވާއިދާއި ޚިލާފަށް އެއަރޕޯޓުގައި ހަރަކާތްތެރިވަމުންދާ ޓެކްސީތަކާމެދު ފިޔަވަޅު އަޅާނޭކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން ގަވާއިދާ ޚިލާފަށް ޓެކްސީކުރާ ބިދޭސީންނާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.