ޚަބަރު

ފެން އުފައްދާ ނިޒާމު ގަވައިދުން ޓެސްޓުކުރަން ފަށާ ފުރަތަމަ ރަށަކަށް ހުރާ


  • ސަޕްލައި ފެން ސާންޕަލް ކުރުމަށް ހުރާ ކައުންސިލުގެ މުވައްޒަފުން ތަމްރީނުކުރާނެ

  • ފެން އުފައްދާ ނިޒާމު މިހާރު ޓެސްޓުކުރަނީ މާލެ ސަރަހައްދުގައި ހުރި ތަންތަން އެކަނި

މީރުފެން އުފައްދާ ނިޒާމުން ސަޕްލައި ކުރާ ފެނުގެ ކޮލިޓީ ދެނެގަތުމަށް ކ. ހުރާ ކައުންސިލާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއި ކޮށްފިއެވެ.

މި ފަހުމުނާމާއާ ގުޅޭގޮތުން ޔޫޓިލިޓީ އޮތޯރިޓީން ބުނީ ފަހުމުނާމާގެ ދަށުން، ހުރާ ކައުންސިލާ ގުޅިގެން ސަޕްލައި ފެން ގަވައިދުން ސާންޕަލްކޮށް ޓެސްޓުކުރެވޭނެ ކަމަށެވެ. އަދި ސަޕްލައި ފެން ސާންޕަލް ކުރުމަށް ކައުންސިލުގެ މުވައްޒަފުން ތަމްރީނުކުރެވޭނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.

ޔޫޓިލިޓީ އޮތޯރިޓީން ބުނީ ހުރާގައި ހުންނަ މީރު ފެން އުފައްދާ ނިޒާމު، ގަވައިދުން ޓެސްޓުކުރަން ފެށުމުން މި ނިޒާމުން ފޯރުކޯށްދޭ ފެނަކީ ރައްކާތެރި، ބުއިމަށް އެކަށީގެންވާ ފެނަކަށް ހެދޭނެ ކަމަށެވެ.

ޔުޓިލިޓީ އޮތޯރިޓީން ބުނީ މާލެ ސަރަހައްދުގައި ހިމެނޭ މާލެ ސިޓީއާއި ހުޅުމާލެއާއި ވިލިމާލެ ފިޔަވައި ފެން އުފައްދާ ނިޒާމު ގަވައިދުން ޓެސްޓުކުރަން ފަށާ ފުރަތަމަ ރަށަކީ މާލެ އަތޮޅު ހުރާ ކަމަށެވެ. އަދި އުންމީދަކީ ކުރިއަށް އޮތްތަމުގައި އެހެން ރަށްރަށުގައިވެސް ސަޕްލައިކުރާ ފެން ޓެސްޓުކުރުމުގެ މަސައްކަތް ފެށުންކަމަށް އެ އޮތޯރިޓީން ބުނެއެވެ.

ފަހުމުނާމާގައި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އަލްފާޟިލާ ފާތިމަތު ފިޒްނާ ޔޫސުފެވެ. އަދި ހުރާ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަލްފާޟިލް ޢީސާ އަޙްމަދެވެ.

ރާއްޖޭގައި ހުންނަ މީރު ފެން އުފައްދާ ތަންތަނުން ފޯރުކޮށްދޭ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ޤާނޫނީ ގޮތުން މަތިކޮށްފައިވާ ޒިންމާއެކެވެ. މިގޮތުން އެ އޮތޯރިޓީން މާލެ ސަރަހައްދުގެ ޖުމްލަ 13 ސަރަހައްދަކުން ކޮންމެ ދުވަހަކުވެސް ފެން ސާމްޕަލްކޮށް ޓެސްޓުކުރެއެވެ.