ޚަބަރު

ޔޫއެސް މޮންޓާނާ ނޭޝަނަލް ގާޑްގެ ސިފައިންނާ ގުޅިގެން އެކްސަސައިޒް "ބްލެކް މަރލިން" 4 ފަށައިފި


  • 5 ސަބްޖެކްޓް މެޓަރ އެކްސްޕަރޓް އެކްސްޗޭންޖް ޕްރޮގްރާމް ކުރިއަށްގެންދާނެ

  • މި އެކްސަސައިޒް ކުރިއަށްދާނީ މި މަހުގެ 28 ގެ ނިޔަލަށް

ޔޫއެސް މޮންޓާނާ ނޭޝަނަލް ގާޑްގެ ސިފައިންނާއި ދިވެހި އަސްކަރިއްޔާއިން ގުޅިގެން ބާއްވާ އެކްސަސައިޒް "ބްލެކް މަރލިން" ގެ 4 ވަނަ އެޑިޝަން ފަށައިފިއެވެ.

އެކްސަސައިޒް ފެށުމުގެ ގޮތުން ބަންޑާރަކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މި ރަސްމިއްޔާތުގައި ޔޫއެސް މޮންޓާނާ ނޭޝަނަލް ގާޑުގެ އެޖުޓަންޓް ޖެނެރަލް، މޭޖަރ ޖެނެރަލް ޕީޓަރ ރޮނެކް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެކްސަސައިޒް "ބްލެކް މަރލިން" ގެ މި އެޑިޝަންގައި 5 ސަބްޖެކްޓް މެޓަރ އެކްސްޕަރޓް އެކްސްޗޭންޖް ޕްރޮގްރާމް، އެސްއެމްއީއީ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ. އޭގެތެރޭގައި، އިންޓެލިޖަންސް، ލޮޖިސްޓިކް، މެޑިކަލް، އީއޯޑީ، އަދި އިންފެންޓްރީއާ ގުޅުންހުރި އެސްއެމްއީއީ ކުރިއަށްގެންދަން ވަނީ ނިންމަވާފައެވެ.

މީގެތެރެއިން އިންފެންޓްރީ އެސްއެމްއީއީ ލ. ކައްދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، އެހެން ހުރިހާ އެސްއެމްއީއީތަކެއް ކުރިއަށް ދާނީ މާލޭގައެވެ.

ބްރިގޭޑް ނުވަތަ ބެޓާލިއަން ލެވެލްގައި އިންޓަގްރޭޓެޑް ކްރޮސް ފަންކްޝަނަލް ސްޓާފުން ލީޑުކޮށް ބެލެހެއްޓުމަށް އެންމެ އެކަށޭނެ ޓީޓީޕީއެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައި މި އަހަރުގެ އެކްސަސައިޒްގެ ތެރެއިން، "ފީލްޑް ގްރޭޑް އެކްސްޗޭންޖް ޕްރޮގްރާމް" ގެ ނަމުގައި އައު އެންޑީވަރއެއް އެމްއެންޑީއެފާއި ޔޫއެސް އަސްކަރިއްޔާއާ ދެމެދު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި އެންޑީވަރއާއެކު ސްޓާފް އޮފިސަރުންގެ ޒިންމާތަކާއި، މިލިޓަރީ ޕްލޭނިންގ ޕްރޮސެސްއާއި ޓްރެއިނިންގ މެނޭޖްމަންޓުގެ ކަންކަން ކުރިއަށްވުރެ ރަނގަޅަށް ދެނެގަތުމަށް މަގުފަހިވެގެންދާނެ ކަމަށް އެ މުއައްސަސާއިން ވިދާޅުވިއެވެ.

މި އެކްސަސައިޒް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޔޫއެސްއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ، ހިއުގޯ ޔޮންއާގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޡް އަދި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.