ޚަބަރު

"ރައީސާއެކު އޮތީ އިތުބާރުގެ މައްޗަށް ބިނާވެފައިއޮތް ވަރަށް ގާތް ގުޅުމެއް"


  • ނައިބު ރައީސަށް، 100 އިންސައްތަ ރައީސް އިތުބާރުކުރައްވާކަމަށް ވިދާޅުވި

  • އަބަދުވެސް މަސައްކަތްކުރާނީ އިޚުލާސްތެރިކަމާއި ތެދުވެރިކަމާއެކުކަމަށް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު އޮތީ އިތުބާރުގެ މައްޗަށް ބިނާވެފައިއޮތް ވަރަށް ގާތް ގުޅުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ނައިބު ރައީސާއި ރައީސާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާކަމަށްބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅިގެން އެ ވާހަކަތަކަށް ޖަވާބު ދެއްވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރަނިންމޭޓުކަން ދެއްވީ ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނަށް 100 އިންސައްތަ އިތުބާރުކުރައްވާތީ ކަމަށެވެ. އަދި އަމިއްލަ މަޤުޞަދެއް ނުވަތަ ސިޔާސީ މަޤުޞަދެއް ޙާސިލްކުރުމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަށް ކޮންމެހެން ރައްދު ދޭންނުޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"މިދިޔަ މަޖިލިސް އިންތިޚާބުގެ ކެންޕެއިން މެނޭޖަރުކަން ރައީސް ހަވާލުކުރެއްވީ އަޅުގަނޑާ. ވަރަށް ސާދާ ގުޅުމެއް ރައީސާއެކު އޮތީ. ދެ މީހުންވެސް މަސައްކަތްކުރަނީ ވަރަށް އިތުބާރާއެކީގައި." ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، އަބަދުވެސް މަސައްކަތްކުރާނީ ވަރަށް އިޚުލާސްތެރިކަމާއެކު މަޤާމުގެ ޒިންމާތަކަށް ތެދުވެރިވެގެން ކަމަށެވެ.