ޚަބަރު

ރެޑް ކްރޮސްގެ ސަރަޙައްދީ ވަފުދުގެ ވެރިޔާ ރައީސުލްޖުމުހޫރިއްޔާގެ ނައިބާއި ބައްދަލު ކުރައްވައިފި


  • އައިސީއާރްސީ ސަރަހައްދީ ވަފުދުގެ ވެރިޔާ ނައިބު ރައީސާއި ބައްދަލު ކުރެއްވީ މިއަދު ހެނދުނު

  • ރެޑް ކްރޮސްގެ މަސައްކަތްތަކަށް ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ދިން

އިންޓަރނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސްގެ މި ސަރަޙައްދުގެ ވަފްދުގެ އިސްވެރިޔާ ކަދިރް އޮމަރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އައި.ސީ.އާރު.ސީ އިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރެޑް ކްރެސެންޓްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި މި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ވަފުދުގެ ބޭފުޅުންނަށް އެމަނިކުފާނު ދެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި އިންޓަރނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސްގެ މި ސަރަޙައްދުގެ ވަފްދުގެ އިސްވެރިޔާ ވަނީ އެ ޖަމިއްޔާއަށް ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން، ދާއިރާގެ މާހިރުންގެ މެދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެކްސްޕަރޓިސް އެކްސްޗޭންޖް ޕްރޮގްރާމްގައި ރާއްޖޭގެ ކަމާބެހޭ އިދާރާތައް ހިމެނިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެ، އައި.ސީ.އާރު.ސީ އިން ހިންގާ އިތުރު ތަމްރީނު ޕްރޮގުރާމުތަކުގެ ފުރުޞަތުތަކާބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އިންޓަރނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސްގެ މި ސަރަޙައްދުގެ ވަފްދުގެ އިސްވެރިޔާ ވަނީ އިންޓަރނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސް އާއި ދިވެހިރާއްޖެއާ ދެމެދު ދެމެހެއްޓިނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.