ޚަބަރު

ޗިކުންގުންޔާ ފެތުރުން އިތުރުވަނީ، ފަރުދީ ޒިންމާ އަދާކުރޭ!


  • އީޑީސް މަދިރިން ޖެހޭ ވައިރަލް ހުމެއް

  • މަހެއްހާ ދުވަހުގެ ތެރޭގައި 78 ކޭސް ވަނީ ރިޕޯޓްކޮށްފައި

މަދިރިން ޖެހޭ ތަފާތު ބަލިތައް ރާއްޖޭގައި އެކި ދުވަސްވަރު ގިނަވެގެންދެއެވެ. ޚާއްސަކޮށް ވިއްސާރަ ދުވަސްވަރު މަދިރި އާލާވާ މިންވަރު އިތުރުވެ ޗިކުންގުންޔާ އާއި ޑެންގޫފަދަ ނުރައްކާތެރި ބަލިތައް އިތުރުވެއެވެ. އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ޗިކުންގުންޔާ ޖެހިގެން 78 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.

ޗިކުންގުންޔާއަކީ ޑެންގޫ ހުން ފަތުރާ އީޑީސް މަދިރިން ފެތުރޭ ވައިރަލް ހުމެކެވެ. މި ބަލި ޖެހުމުން ހުޅުހުޅުގައި ރިއްސައި ބައެއް ފަހަރު ހުޅު ދުޅަވެ އެކަމުގެ އުނދަގޫ ބަލި ރަނގަޅުވި ނަމަވެސް ގިނަ ދުވަސްތަކަކަށް ދެމިގެންދެއެވެ. މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް އެކުލެވޭ މަދިރި ހަފާތާ 3-7 ދުވަސް ތެރޭގައެވެ.

މި ބަލި ޖެހުމުން އެންމެ އާންމުކޮށް ފެންނަ އަލާމާތްތައް:

  • 39 ޑިގްރީ ސެލްޝިއަސްއަށް ހުން ގަދަވުން
  • ގަދައަށް ބޮލާއި ގައިގައި ރިއްސުން
  • ހުޅުހުޅުގައި ރިއްސުން
  • ހުޅުހުޅު ދުޅަވުން
  • ބަނޑުގައި ރިއްސުމާއި، މޭނުބައިކޮށް ހޮޑުލެވުން
  • ގައިގައި ރަތް ބިހިތަކެއް ނެގުން

ޗިކުންގުންޔާގެ އަސަރު އެންމެ ބޮޑަށް ކުރަނީ ބަނޑުގައިވާ ދަރިފުޅަށާއި ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން އެކި ބަލިތައް ތަހައްމަލުކުރާ މިހުންނަށެވެ. އެހެންކަމުން މި އުމުރުފުރާގެ މީހުން ގެއިން ބޭރަށް ނުކުމެ އުޅުމުގައްޔާއި މަދިރި ގިނަވާ ވަގުތުތަކުގައި މަދިރިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ.

އީޑީޒް މަދިރި އެންމެ ގިނަވަނީ ހެނދުނާއި ހަވީރުގެ ވަގުތުގައެވެ. ނަމަވެސް އެންމެ ރަނގަޅުގޮތަކީ ހުރިހާ ވަގުތެއްގައި ވެސް މަދިރި ހެފުމުން ރައްކާތެރިވެގެން ތިބުމަށެވެ.

ޗިކުންގުންޔާ ޖެހުމުން ރައްކާތެރިވާނެ ގޮތްތައް:

  • ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ފޭރާންލުން
  • މަދިރި ގެ ބޭނުން ކުރުން
  • ކުޑަދޮރު ފަދަ ތަންތަނުގައި މަދިރި ދާ ޖެހުން
  • މަދިރި ގިނަވާ ވަގުތުތަކުގައި ދޮރުތައް ލައްޕާފައި ބެހެއްޓުން
  • މަދިރި ލޯޝަން، ސްޕްރޭ އަދި ރެޕެލެންޓް ބޭނުންކުރުން

ސާފުފެން ހަރުލާ ކޮންމެ ތަނެއްގައި ވެސް އީޑީސް މަދިރި ބިސް އަޅައެވެ. މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރަމުންދާ ދުވަސްވަރަކަށްވާތީ މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މަދިރިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. އެގޮތުން، ފެން ހަރުލާފައި ހުންނަ ތަންތަން ގަވާއިދުން ސާފުކުރުން މުހިންމެވެ. ފެނުގައި ގަސް އިންދާ ފަރާތްތަކުން ވެސް މަދުވެގެން ހަފުތާއަކު އެއްފަހަރު އޭގެ ފެން ބަދަލު ކުރުމަކީ ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅެކެވެ.