ޚަބަރު

ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލާ އެކަކު ގެއްލިގެން ހޯދަނީ


  • ގެއްލިގެން ހޯދަމުންދަނީ ބިދޭސީއެއް

  • ބަންޑުން ޖަހާލީ "ލިއޯ ޕާލް" ނަމަކަށް ކިޔާ ލޭންޑިންގ ކްރާފްޓެއް

  • މި ލޭންޑިންގ ކްރާފްޓުގައި 5 މީހަކު ދަތުރުކުރި

  • އޭގެ ތެރެއިން 4 މީހަކު ކަނޑުވެފައިވަނިކޮށް ވަނީ ސަލާމަތްކޮށްފައި

ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލައި، އޭގެން ދަތުރުކުރަމުންދިޔަ އެކަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. ގެއްލިގެން ހޯދަމުންދަނީ ބިދޭސީއެކެވެ.

އެމް.އެން.ޑީ.އެފް.އިން ވިދާޅުވީ، ބަންޑުން ޖަހާލީ ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި "ލިއޯ ޕާލް" ނަމަކަށް ކިޔާ ލޭންޑިންގ ކްރާފްޓެއްކަމަށެވެ.

މި ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލައި އޭގެން ދަތުރުކުރި 5 މީހުންގެ ތެރެއިން އެކަކު ގެއްލިގެން އެމް.އެން.ޑީ.އެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކެންޑް ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުންނެވެ.


އެމް.އެން.ޑީ.އެފްއިން ވިދާޅުވީ، މި ލޭންޑިންގ ކްރާފްޓް ދަތުރުކުރި 5 މީހުންގެ ތެރެއިން ހަތަރު މީހުން ކަނޑުވެފައި ވަނިކޮށް ރޭ ފަތިހު ސީއެމްބިއުލޭންސް 21 އަށް ނަގާފައިވާކަމަށެވެ. އަދި ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތުގައި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަކުރާ ހަރަކާތްތެރިވަމުންދާކަމަށްވެސް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ.