ޚަބަރު

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ފާތިމަތު ހަބީބާ އައްޔަންކުރަން ރުހުން ދީފި


  • ހަބީބާއަކީ ސިވިލް ސަރވިސް ޓްރެއިނިން އިންސްޓިޓިއުޓްގެ ޑިރެކްޓަރ ޖެނެރަލް

  • އަބްދުލް ހަސީބު އިސްމާއިލަށް ރުހުން ނުދިނުމަށް ވަނީ ނިންމާފައި

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ފާތިމަތު ހަބީބާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

ހަބީބާއަށް ރުހުން ދީފައިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 38 މެންބަރުންގެ ވޯޓުންނެވެ.

ހަބީބާގެ އިތުރުން އެ މަގާމަށް އައްޔަން ކުރެއްވުމަށް އަބްދުލް ހަސީބު އިސްމާއިލަށް ރުހުން ދިނުމަށް ވެސް މަޖިލީހުގައި ވޯޓަށް އެހިއެވެ. ނަމަވެސް އޭނާއަށް ރުހުން ނުދިނުމަށް މެންބަރުންގެ މެދުގައި ނެގި ވޯޓުން ވަނީ ނިންމަވާފައެވެ.

ފާތިމަތު ހަބީބާ އަކީ 9 ޑިސެމްބަރު 2010 އިން ފެށިގެން ސިވިލް ސަރވިސް ޓްރެއިނިން އިންސްޓިޓިއުޓްގެ ޑިރެކްޓަރ ޖެނެރަލްއެވެ.

ސީއެސްސީގެ މެންބަރެއްގެ މަގާމު ހުސްވީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ފާތިމަތު އާމިރާގެ ދައުރު ހަމަވުމުންނެވެ.

ސިވިލް ސާވިސް ކޮމިޝަނުގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހާއި ނައިބް ރައީސް އިބްރާހިމް ރަޝީދާއި، މެންބަރު މުހައްމަދު ފަރުސަތުގެ އިތުރުން މެންބަރު ފާތިމަތު ޝަރީފެވެ.