ޚަބަރު

މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ޗިކުންގުންޔާގެ 78 ކޭސް


  • އެންމެ ގިނަ ކޭސްތައް ރިޕޯޓްކޮށްފައި ވަނީ މާލެއިން

  • ބަލި ޖެހިގެން ރިޕޯޓްކުރި މީހުންގެ ތެރޭގައި ގިނައީ 25 އަހަރުން މަތީގެ މީހުން

މިދިޔަ މަހެއްހާ ދުވަހު ތެރޭ ޗިކުންގުންޔާ ޖެހިގެން 78 މީހުން ރިޕޯޓުކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

ޗިކުންގުންޔާއަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔަކަށްވާއިރު، ވިއްސާރަދުވަސްވަރު މި ބަލި ފެންނަ މިންވަރު އިތުރުކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޗްޕީއޭއިން ވިދާޅުވީ މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ޗިކުންގުންޔާ ޖެހިގެން އެންމެ ގިނަ ކޭސްތައް ރިޕޯޓުކޮށްފައިވަނީ މާލެއިން ކަމަށެވެ. އަދި އަތޮޅުތެރޭންވެސް މި ބަލި ޖެހިގެން ރިޕޯޓުކުރާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ޗިކުންގުންޔާ ޖެހިގެން މިހާތަނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ 25 އަހަރުން މަތީގެ މީހުންކަމަށެވެ.

އެޗްޕީއޭއިން ވިދާޅުވީ ޗިކުންގުއްޔާއަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔަކަށްވުމުން މަދިރި އާލާވުން މަދުކުރުމަށް ކަމާއި ގުޅުންހުރި ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މަދިރި އުފެދޭ ތަންތަން ނައްތާލުމާއި ސާފުކުރުމުގެ މަސައްކަތްކުރަމުންދާކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ.

މީގެ އިތުރުން ބަލީގެ ސާރވެއިލެންސް މަސައްކަތް ހަރުދަނާ ކުރުމަށް އޮނިގަނޑެއް އެކުލަވާލައި، ބަލި ރިޕޯޓުކުރެވޭނެ ގޮތްތައް ހަރުދަނާކުރުމުގެ މަސައްކަތްކުރަމުންދާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި ބަލިޖެހޭ މީހުންނަށް ދޭ ފަރުވާގެ ހަރުދާނާކުރުމަށް ކްލިނިކަލް މެނޭޖްމަންޓް ސެޝަންތައް ހިންގުމާއި ޢާންމުން ހޭލުންތެރިކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ކުރިއަށްއޮތް ވިއްސާރަ މޫސުމެއްކަމުން މަދިރި އަލާވާނެ ފަދަ ތަންތަން އިތުރުވާނެ ކަމަށެވެ. މިހެންވެ ކުރިއަށްއޮތްތާގައި ޑެންގީއާއި ޗިކުންގުންޔާ ފަދަ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަށް އިތުރުވުމުގެ ފުރުޞަތު ބޮޑުކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. އަދި ދުރާލާ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއްވިއެވެ.

ޗިކުންގުންޏާއަކީ ޑެންގޫ ހުން ފަތުރާ އީޑީސް މަދިރިން ފެތުރޭ ވައިރަލް ހުމެކެވެ. މި ބަލި ޖެހުމުން ހުޅުގައި ރިއްސައި ބައެއް ފަހަރު ހުޅު ދުޅަވެ އެކަމުގެ އުނދަގޫ ގިނަ ދުވަސްތަކަކަށް ކުރިމަތިވެއެވެ. މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް އެކުލެވޭ މަދިރި ހަފާތާ 3-7 ދުވަސް ތެރޭގައެވެ.

އެޗްޕީއޭއިން މަޢުލޫމާތު ދެއްވާގޮތުގައި ޗިކުންގުންޔާގެ ކޭސްތައް އާދަޔާޚިލާފަށް ގިނަ ވަނީ ކޮންމެ 3 ނުވަތަ 4 އަހަރަކުން އެއް އަހަރުއެވެ. އެގޮތުން މީގެ ކުރިން މި ބަލީގެ ކޭސްތައް އެންމެ ގިނަވީ 2019 ވަނަ އަހަރުއެވެ.