ކުޅިވަރު

"ކެރަމްއަކީ ކިހާ ވާދަވެރި ކުޅިވަރެއްކަން ގިނަ ދިވެހީންނަށް އިހުސާސެއް ނުވޭ"


ކެރަމްއަކީ ކިހާ ވާދަވެރި ކުޅިވަރެއްކަން ގިނަ ދިވެހީންނަށް އިހުސާސް ނުވާ ކަމަށް ގައުމީ ކެރަމް ޓީމުގެ އަންހެން ކުޅުންތެރިޔާ އާމިނަތު ޝުބާ އާދަމް ބުނެފިއެވެ.

ހޮނިހިރު ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފަވާ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕާ ގުޅޭގޮތުން ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "ސްޕޯޓްސް ބަޒް" ޕްރޮގްރާމުގައި ވާހަކަދައްކަމުން ޝުބާ ބުނީ އަމިއްލަ ފަސްގަނޑުގައި މުބާރާތް ކުޅޭއިރު އުއްމީދަކީ ގިނަ ދިވެހީންގެ ތަރުހީބު ލިބުން ކަމަށެވެ. އަދި ކެރަމްއާ މެދު މި ފަހުން ދެކޭގޮތް މިހާރު މަޑުމަޑުން ބަދަލުވަމުން އަންނަ ކަމަށް ޝުބާ ބުންޏެވެ.

ޝުބާ ބުނީ މުބާރާތުގައި ބޭނުންވަނީ ތަފާތު ދެއްކުމަށް ކަމަށެވެ. އަދި ޕްރޮފެޝަނަލީ ކެރަމް ކުޅޭއިރު، ގޭގައި ކުޅޭ ގޮތާ ތާފާތުވާނެ ކަމަށާއި، އެ ތަފާތު މި ފަހަރު އަމިއްލަ ސަޕޯޓަރުން ދައްކާލަން ވަރަށް ބޭނުންވާ ކަމަށްވެސް ޝުބާ ބުންޏެވެ.

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓެރީ ހުސެއިން ރައުޝަން ވިދާޅުވީ ރާއްޖެއިން މުބާރާތަށް ނުކުންނާނީ ރަން މެޑަލް ހޯދުމުގެ އަޒުމުގައި ކަމަށެވެ. އަދި މުބާރާތް ރާއްޖޭގެ ބާއްވާ އެންމެ ބޮޑު ސަބަބަކީވެސް ގައުމަށް ރީތި ނަމެއް ހޯދައިދިނުން ކަމަށް ރައުޝަން ވިދާޅުވިއެވެ. އެގޮތުން ރަން މެޑަލް ހޯދުމަށް މިހާރު ހަމައެކަނި މަދުވަނީ ދިވެހީންގެ ހެޔޮ ދުއާ އާއި ސަޕޯޓް ކަމަށްވެސް ރައުޝަން ވިދާޅުވިއެވެ.

"
މިހާރު ކުޅުންތެރިންނަށް ގޯލްޑް މެޑަލް ހޯދުމަށްޓަކައި މަދުވަނީ ސަޕޯޓަރުންގެ ސަޕޯޓް. ޖޯޒީގައި ސަޕޯޓަރުން ފެނުމަކީ ދިވެހި ކޮންމެ ކުޅުންތެރިއަކަށްވެސް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް.
ހުސެއިން ރައުޝަން - ކެރަމް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ

މި ފަހަރު މާލޭގައި ބާއްވާ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕަކީ 10 އަހަރު ފަހުން ރާއްޖޭގައި ބާއްވާ މުބާރާތެވެ. އެހެންކަމުން މިއީ އޭޝިއާގެ ފެންވަރުގެ މުބާރާތެއްގައި ރަން މެޑަލް ހޯދުމަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށް ރައުޝަން ވަނީ ވިދާޅުވެފައެވެ.