ޚަބަރު

މިއީ ބައިނަލްއަޤްވާމީ ފެންވަރުގެ އިންތިޚާބެއް، ވަރަށް ފުރިހަމަ: ބޭރުގެ އޮބްޒާވަރުން


  • އިންތިޚާބު ކުރިއަށް ދިޔައީ ވަރަށް އަމާން އޮމާންކަންމަތީ

  • އިންތިޚާބުގެ ރީ-ރަޖިސްޓްރޭޝަންގެ ކަންކަން ވަރަށް ފުރިހަމަ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ ވަރަށް ފުރިހަމަ އިންތިޚާބެއްކަމަށް ވިދާޅުވެ، ބައިނަލްއަޤްވާމީ އޮބްޒާވަރުން އިންތިޚަބަށާއި އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ތަޢުރީފްކޮށްފިއެވެ. ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ބައިނަލްއަޤްވާމީ 45 އޮބްޒާވަރުންނާއި އެއް މޮނީޓަރުން ހަރަކާތްތެރިވިއެވެ.

މަޖިލިސް އިންތިޚާބު އޮބްޒަރވްކުރި ބޭރުގެ ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް އޮބްޒާވަރ ޑރ. ޝަހަބުއްދީން ޔައުޤޫބް ޤުރެއިޝީ ވިދާޅުވީ އިންތިޚާބުގެ ކަންކަން ކުރިއަށް ދިޔަ ގޮތާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި އިންތިޚާބާ ގުޅިގެން އެންމެ ޝަކުވާއެއްވެސް އައިސްފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަހަރުމެންގެ ޓީމުގައި 9 ޤައުމަކުން 19 އޮބްޒަރވަރުން ހަރަކާތްތެރިވި. އޮބްޒަވޭޝަން ކުރިއަށް ގެންދިޔައީ 4 ޓީމަކަށް ބަހާލައިގެން. އިންތިޚާބުގެ ހުރިހާކަމެއްވެސް ގަޑިއަށް ފަށާ ނިންމިކަން ފާހަގަކުރެވުނު. އެގޮތުން ބޫތުތައް ގަޑިއަށް ހުޅުވުނު. އިންތީޚާބުގެ މާޙައުލުން ފެނުނީ ވަރަށް ތަހުޒީބު ބައެއް. ވޯޓުލާ މަރުކަޒުތަކުގައި ތިބި އޮފިޝަލުން މުޚާތަބު ކުރަނީ ވަރަށް އިޙްތިރާމާއި މަނޑުމައިތިރިކަމާއެކު." ޑރ. ޝަހަބުއްދީން ޔައުޤޫބް ވިދާޅުވިއެވެ.

ޗީފް އޮބްޒާވަރގެ އިތުރުން އެހެނިހެން ޤައުމުތައް ތަމްސީލުކުރައްވާ ވަޑައިގެން އޮބްޒަރވަރުންވެސް އިންތިޚާބު ކުރިއަށްދިޔަގޮތަށް ތަޢުރީފް ކުރެއްވިއެވެ.


ބޫޓާންގެ ފަރާތުން ވަޑައިގެންނެވި އޮބްޒަރވަރު ވިދާޅުވީ ވޯޓުލުން ކުރިއަށްދިޔައީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. އަދި ބޭރުގެ ޤައުމުތަކުގައި ވޯޓުލުމަށް ހަމަޖައްސާފައިވާ އިންތިޒާމްތައްވެސް ވަރަށް ކަމުދިޔަކަމަށް އޭނާ ވިދާޅުވިއެވެ. އިންތިޚާބުތައް ބާއްވާއިރު ބޫޓާންގައި ތަންފީޒްކުރެވިދާނެ ވަރަށް ރަނގަޅު ނިޒާމުތައް ދަސްވިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން ބޭރުގެ ޤައުމުތަކުގައި ވޯޓުލާ މީހުންނަށް ކޮމިޝަނުން ހަމަޖެއްސި އިންތިޒާމު ކުރިއަށް އޮތް ތާނުގައިވެސް ތަކުރާރުކުރުމަށް. މިއީ އަޅުގަނޑުމެންގެ ޤައުމުގައިވެސް ބޭނުންކުރަން ބޭނުންވާ އިންތިޒާމެއް." ބޫޓާންގެ ފަރާތުން ވަޑައިގެންނެވި އޮބްޒާވަރު ވިދާޅުވިއެވެ.

މީގެ އިތުރުން އިންތިޚާބު ކުރިއަށް ދިޔައީ ވަރަށް އަމާން އޮމާންކަންމަތީ ކަމަށާއި، ގިނަ އަދަދެއްގެ އަންހެނުން އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިކަންވެސް ބޭރުގެ އޮބްޒާރވަރުން ފާހަގަކުރެއްވިއެވެ.

ފިލިޕީންސްގެ ފަރާތުން ހަރަކާތްތެރިވި އޮބްޒަރވަރު ވިދާޅުވީ ރާއްޖޭގައި ރީ-ރަޖިސްޓްރޭޝަންގެ ކަންކަން ވަރަށް ފުރިހަމަ ކަމަށެވެ. އަދި ރީ-ރަޖިސްޓްރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން މެދުވެރިކޮށް ކަމަށާއި މީގެ ސަބަބުން އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނަށް މަރުޙަބާ ދަންނަވާލަން ބޭނުންވޭ ވޯޓުލެވޭ މީހުންގެ 75 އިންސައްތައަށްވުރެ ގިނަ މީހުން ވޯޓުލާން އައުމުން. މިއީ ވަރަށް މަތީ އަދަދެއް. މިއީ އީސީގެ ލީޑަރޝިޕުގެ ބުރަ މަސައްކަތާއެކު ވީ ކަމެއް." ފިލިޕީންސްގެ ފަރާތުން ހަރަކާތްތެރިވި އޮބްޒަރވަރު ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގައި ރާއްޖެއާއި ބޭރުގެ އޮބްޒަރވަރުންނާއި މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 6000 އަށްވުރެ ގިނަ މީހުން ވަނީ ހަރަކާތްތެރިވެފައެވެ. މީގެ ތެރޭގައި 2495 އޮބްޒަރވަރުންނާއި 4614 މޮނިޓަރުންނާއި 1816 މަންދޫބުން ހިމެނެއެވެ.