ޚަބަރު

މަޖިލިސް އިންތިޚާބުގައި ޕީއެންސީން ހޯދި ކާމިޔާބަށް ރައީސް ނަޝީދު މަރުޙަބާ ދަންނަވައިފި


  • ރައީސަށާއި ޕީއެންސީގެ ލީޑަރޝިޕަށް ރައީސް ނަޝީދު މަރުހަބާ ދެންނެވި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީން ހޯދި ކާމިޔާބީއަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މަރުޙަބާ ދަންނަވައިފިއެވެ.

މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި އެޕާޓީން ތާޢީދުކޮށްފައިވާ އިތުރު ކެންޑިޓޭޑުންވެސްވަނީ އިންތިޚާބުވެފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް ބޭއްވި އިންތިޚާބުގައި ޕީއެންސީން ހޯދި ކާމިޔާބީއަށް އިންތިޚާބުވި ކެންޑިޑޭޓުންނަށާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ޕީއެންސީގެ ލީޑަރޝިޕަށް މަރުޙަބާ ދަންނަވާ ކަމަށެވެ.

ރައީސް ނަޝީދުވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެ ވަޑައިގެން މަޖިލީހުގެ ރައީސްކަންކުރައްވާފައެވެ. ރައީސް ނަޝީދު ވަނީ ސިޔާސީ ހަރަކާތްތަކުން ދުރުވެވަޑައިގެންކަން މީގެ ދުވަސްކޮޅެއް ކުރިން އިޢުލާނުކުރައްވާފައެވެ. އެހެންކަމުން އެމަނިކުފާނު 19 ވަނަ މަޖިލީހުގައި މެންބަރުކަމުގައި ހުންނެވި މަންޗަންގޮޅި މެދު ދާއިރާގެ ގޮނޑި ދިފާޢުކުރުމަށް ވާދަކުރައްވާފައި ނުވެއެވެ.

ރައީސް ނަޝީދުގެ އިތުރުން ސިޔާސީ އެކި ޕާޓީތަކުގެ ލީޑަރުންނާއި ސަރުކާރުގެ އިސްވެރިން ވަނީ ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުން ތަހުނިޔާ ދަންނަވާފައެވެ.