ކުޅިވަރު

ސްޓްރެންތް އެންޑް ކޮންޑިޝަނިން ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި


ރާއްޖޭގެ ކުޅިވަރު އެތުލީޓުންގެ ފެންވަރު މަތިކުރުމުގެ މަގުސަދުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގުޅިގެން ބޭއްވި ސްޓްރެންތް އެންޑް ކޮންޑިޝަނިން ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މަހުގެ 14 އިން 21 ގެ ނިޔަލަށް ބޭއްވި މި ކޯހުގައި ބައިވެރިންނަށް ކިޔަވާދީފައިވަނީ ލުބުނާނަށް ނިސްބަތްވާ އާމިރު އިސާމެވެ. އޭނާ އަކީ އެތުލީޓުންގެ ސްޓްރެންތް އެންޑް ކޮންޑިޝަނިންގެ އެކްސްޕާޓެކެވެ.

ރާއްޖޭގެ އެކި ކުޅިވަރުތަކުން 42 ބައިވެރިން މި ކޯހުގައި ބައިވެރިވެފައިވާއިރު، މީގެ ތެރޭގައި ކުޅިވަރު ކުޅޭ އެތުލީޓުންނާ ކޯޗިންގައި ހަރަކާތްތެރިވާ ފަރާތްތައް ހިމެނެއެވެ. މި ކޯހުން ފާސްވެފައިވަނީ 25 ބައިވެރިންނެވެ.

ކޯސް ނިންމުމަށް ހެންވޭރު ބޯޅަގޭގައި ޚާއްސަ ހަފުލާއެއް ވަނީ ބާއްވާފައެވެ. މި ހަފުލާގައި އެމްއޯސީގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) އާއި އެމްއޯސީގެ އިސްވެރިންގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ކޯހުގެ މައިގަނޑު ބޭނުމަކީ ކޯޗުންނާ ކުޅުންތެރިންނަށް ބޭނުންވާ މައިގަނޑު ބައިތައް ކިޔައިދިނުމާއި، އެ ކަންކަމަށް އަހުލުވެރިކުރުމުގެ އިތުރުން އަމަލީ މައިދާނުގައި އެ ކަންކަން ހާސިލުކުރާނެ ގޮތްތައް ކިޔައިދިނުމެވެ. މި ކޯހުގެ އެކި ސެޝަންތަކުގެ ތެރެއިން ބައިވެރިންނަށް ވަނީ ސްޕޯޓްސް މެޓަބޮލިޒަމް، ބަޔޯމެކޭނިކްސް، ނިއުޓްރިޝަން އިންޖަރީ ޕްރިވެންޝަންގެ ބައިތައް ކިޔަވައިދީފައެވެ.

އެމްއޯސީން ގަބޫލުކުރާ ގޮތުގައި މި ކޯހުގެ ސަބަބުން މުސްތަގްބަލުގައި ގިނަ ފައިދާތަކެއް ކުރާނެއެވެ.