ޚަބަރު

އިންތިޚާބު ކާމިޔާބުކުރެވުނީ 3 އަންހެން ކެންޑިޑޭޓުންނަށް


  • އެމްޑީޕީން ވާދަކުރި އެއްވެސް އަންހެން ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބު ނުވި

  • ޕީއެންސީން ވާދަކުރެއްވި އަންހެން ދެ ކެންޑިޑޭޓުން ކާމިޔާބުކުރެއްވި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވި 43 އަންހެން ކެންޑިޑޭޓުންގެ ތެރެއިން އިންތިޚާބު ކާމިޔާބު ކުރެވުނީ އެންމެ ތިން ކެންޑިޑޭޓުންނަށް ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި މި އިންތިޚާބުގައި ގޮނޑި ކާމިޔާބު ކުރެވުނީ މާފަންނު މެދު ދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓް އަސްމާ ރަޝީދާއި، ނިލަންދޫ ދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓް ފާޠިމަތު ސަޢުދާއާއި ހުރާ ދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓް ޑރ. އަނާރާ ނަޢީމަށެވެ. އަސްމާ އާއި އަނާރާ ވެސް ވަނީ މީގެ ކުރިން މަޖިލީހުގެ މެންބަރުކަން ކުރައްވާފައެވެ.

މި އިންތީޚާބުގައި ގޮނޑި ކާމިޔާބު ކުރެއްވި އަސްމާ އަދި ސައުދާ އަކީ ސަރުކާރުގެ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އިން ވާދަކުރެއްވި ހަމައެކަނި އަންހެން ދެ ކެންޑިޑޭޓުންނެވެ. އަނާރާ ވާދަކުރެއްވީ އަމިއްލަ ގޮތަށެވެ.

19 ވަނަ މަޖިލީހުގައި 4 އަންހެން މެންބަރުން ތިއްބަވައެވެ. އެ މެންބަރުންގެ ތެރެއިން ބައެއް މެންބަރުން އިންތިޚާބުގައި ވާދަނުކުރުމަށް ނިންމެވިއިރު ބައެއް މެންބަރުން ވަނީ ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. އަދި ޕްރައިމަރީ ކާމިޔާބުކުރައްވައިގެން ވާދަކުރެއްވި ކެންޑިޑޭޓުންނަށް އާދީއްތަ ދުވަހު ބޭއްވި އިންތިޚާބުގައި ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. މިގޮތުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދަށްވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައެވެ.