ޚަބަރު

އިންތިޚާބުން ދައްކައިދިނީ ދިވެހީންގެ އަމިއްލަވަންތަކަން ދަމަހައްޓަން ބޭނުންވި މިންވަރު!


  • ޕީއެންސީއަށްވަނީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދާފައި

  • ތަރައްޤީ ބާރު ދުވެލީގައި ކުރިއަށްދާނެކަން ޔަޤީންވީކަމަށް ވިދާޅުވި

  • ރައީސަށް އޮތް ތާޢީދު ހާމަވި އިންތިޚާބެއްކަން

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން ދައްކުވައިދިނީ ޤައުމުގެ މިނިވަންކަމާއި އަމިއްލަވަންތަކަން ދަމަހައްޓަން ރައްޔިތުން ބޭނުންވާ މިންވަރާއި، ސިޔާސީ ރުޅިވެރިކަމުގެ މަރުހަލާތައް ނިމުނީކަންކަމަށް ވަޒީރުން ވިދާޅުވެއްޖެއެވެ.

އިއްޔެ ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ނިސްބަތްވާ ޕާޓީ ޕީއެންސީން ހޮދި ބޮޑު ކާމިޔާބީއާއި ގުޅިގެން، އިންތިޚާބު ކާމިޔާބުކުރި ންޑިޑޭޓުންނަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދައުލަތުގެ ވަޒީރުން ވަނީ މަރުޙަބާ ދަންނަވާ އެމަނިކުފާނުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތަޢުރީފްކުރައްވާފައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ނިސްބަތްވާ ޕީއެންސީގެ ކެންޑިޑޭޓުން ގިނަ އަދަދެއްގެ ދާއިރާތައް ކާމިޔާބުކޮށް ސަރުކާރަށް ވަނީ ސުޕަރ މެޖޯރިޓީ ހޯދާފައެވެ.

ސަރުކާރުގެ މި ކާމީޔާބީ ފާހަގަކުރައްވާ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ މި ކާމިޔާބީއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ރައްޔިތުންގެ މެދުގައި އޮތް ލޯބި ހާމަވާކަމެއް ކަމަށެވެ. އަދި ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތުތަކަށާއި ޤާބިލް ލީޑަރޝިޕަށް ރައްޔިތުން އިތުބާރުކޮށްފައިވާކަން މި އިންތިޚާބުން ދައްކަދީފިކަމަށާއި މިއީ ތާރީޚީ ކާމިޔާބެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އިންތިޚާބުގެ ކާމިޔާބާ ގުޅިގެން ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ދިވެހީންގެ ރާއްޖެއަށް ދިވެހި ރައްޔިތުން ހޫނު މަރުޙަބާއެއް ކިޔާފައިވާ ކަމަށެވެ. އަދި މި އިންތިޚާބުން ޤައުމުގެ މިނިވަންކަމާއި އަމިއްލަވަންތަކަން ދަމަހައްޓަން ރައްޔިތުން ބޭނުންވާކަން އިންތިޚާބުގެ ނަތީޖާއިން ދައްކަދީފިކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ރައްޔިތުން ސަރުކާރަށް ދެއްވި ތާޢީދާއެކު ޤައުމަށް ކުރިއެރުމާއި ތަރައްޤީ ވަރަށް ބާރުމިނެއްގައި ގެނެވޭނެކަން ފާހަގަކުރައްވާ ވަޒީރު ވަނީ ޕީއެންސީން މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި އެންމެހާ ފަރާތްތަކަށް މަރުޙަބާ ވިދާޅުވެފައެވެ.

ސަރުކާރަށް މަޖިލިސް އިންތިޚާބުން ލިބުނު ކާމިޔާބީއާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ވެރިކަން ހިންގަން ޖެއްސުންކުރުމާއި ދުއްތުރާކުރުމާއި ސިޔާސީ ރުޅިވެރިކަމުގެ މަރުހަލާތައް ނިމި ރާއްޖޭގެ ދިމިޤުރާތީ ހަޔާތަށް އައު ޞަފްޙާއެއް ހުޅުވިއްޖެ ކަމަށެވެ.

މި އިންތިޚާބުން ފެނުނީ ރައީސް ޑރ. މުޢިއްޒަށް އޮތް ތާޢީދުކަން ފާހަގަކުރައްވާ ވަޒީރު ވަނީ ކެންޑިޑޭޓުންނަށާއި ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވެފައެވެ.

މަޖިލިސް އިންތިޚާބުގެ ކާމިޔާބީއާ ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ މުޅި ރާއްޖޭގެ ނަތީޖާ ޕީއެންސީއަށް ދައްކަނީ ވަރަށް އުޖާލާކޮށް ކަމަށެވެ. އަދި ވަޒީރު ވަނީ މި ކާމިޔާބީއާ ގުޅިގެން ރައީސަށް މަރުޙަބާ ދަންނަވާފައެވެ.

މަޖިލިސް އިންތިޚާބުގައި ސަރުކާރުން ހޯދި އާދަޔާ ޚިލާފު ބޮޑު ކާމިޔާބިއާއި ގުޅިގެން ސަރުކާރު ކޯލިޝަނުގައި ހިމެނޭ މީހުންނާއި، ޢާންމު ގިނަ ރައްޔިތުން އަންނަނީ ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރަށް މަރުޙަބާ ކިޔަމުންނެވެ. އަދި ރައީސް ބޭނުންފުޅުވާ ދުވެލީގައި ތަރައްޤީ ޔަޤީންވާނެކަމަށްވެސް ބުނެފައިވެއެވެ.