ޚަބަރު

ސިފައިން ކުރައްވާ ހިންމަތާއި މިންނަތް ދިވެހީން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކު: ރައީސް


  • ދިވެހި ސިފައިންގެ ޚިދުމަތަށް މިވަނީ 132 އަހަރު ފުރިފައި

  • ދިވެހި ސިފައިންގެ ޚިދުމަތަށް އިތުރު ފުރިހަމަކަން ގެނެސްދެއްވާނެ ކަމަށް ވިދާޅުވި

ދިވެހި ސިފައިން ކުރައްވަވާ ހިންމަތާއި މިންނަތް ދިވެހީން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން ދެއްވި މެސެޖެއްގައެވެ. އެގޮތުން، ޤައުމާއި ރައްޔިތުންނަށްޓަކައި ރެއާއި ދުވާލު ދިވެހި ސިފައިން މަސައްކަތް ކުރަނީ އިޚްލާސްތެރިކަމާއި ގަދަ ހިތްވަރާއި އަޒުމާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހި ސިފައިންގެ 132 ވަނަ އަހަރީ ދުވަސް ފާހަގަކުރާއިރު މި ދައުރުތެރޭގައި އެ ޚިދުމަތަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޢުދުވެވަޑައިގެންފައެވެ. އެގޮތުން، ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމަށް ދިވެހި ސިފައިންގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް މިހާރު ވެސް ވަނީ ފަށްޓަވާފައެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ސިފައިންގެ ޚިދުމަތަށް "އެއަރ ކޯ" ވެސް ތައާރަފު ކުރައްވާފައެވެ. މިއީ ވައިގެ މަގުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން ސިފައިންނަށް ދިނުމަށް ތައާރަފުކޮށްފައިވާ ޚިދުމަތެކެވެ.

އެއަރ ކޯއާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް އަސްކަރީ ޑްރޯން ވެސް ބޭނުން ކުރަން ވަނީ ފަށާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ޑްރޯން އިތުރުކޮށް، ކަނޑާއި އެއްގަމާއި ވައިގެ އުޅަނދުތައ ސިފައިންގެ ޚިދުމަތަށް އިތުރުކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.