ޚަބަރު

ކަންބޮޑުވާންޖެހޭ ޝަކުވާއެއް ނެތް، އިންތިހާބު ކުރިއަށްދަނީ އަމާންކަމާއެކު: ފުއާދު


  • އިންތިޚާބުގެ ކަންކަން ކުރިއަށްދަނީ ވަރަށް ރަނގަޅު އިންތިޒާމެއްގެ ދަށުންކަން ފާހަގަކުރެއްވި

  • ބައެއް ޝަކުވާތައް ހުށަހެޅިނަމަވެސް، ކަންބޮޑުވާންޖެހޭކަމެއް ނެތްކަމަށް ވިދާޅުވި

ރާއްޖޭގައި މިއަދު ކުރިއަށްދާ މަޖިލިސް އިންތިހާބުގެ ވޯޓްލުން ކުރިއަށްދަނީ މާބޮޑު މައްސަލަތަކެއް ނުޖެހި، އަމާންކަމާއެކުކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބުގެ ވޯޓްލުން ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނީ ރަނގަޅު އިންތިޒާމެއްގެ ދަށުން އަމާންކަމާއެކުކަމަށެވެ. އަދި މިފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން 80 އިންސައްތައަށްވުރެ ގިނަ މީހުން ވޯޓުލާނެކަމަށް ލަފާކުރެވޭކަމަށް ފުއާދު ވިދާޅުވިއެވެ.

"ލަފާ ކުރެވޭ ވަރަށްވުރެ ދެބައިކުޅަ އެއްބައަށްވުރެ ގިނަ މީހުން މިހާތަނަށް ވޯޓުލައިފި. އަޅުގަނޑުމެންނަށް އުންމީދު ކުރެވެނީ ވޯޓުލެވޭ މީހުންގެ ތެރެއިން 80 އިންސައްތައަށްވުރެ ގިނަ މީހުން ވޯޓުލާން ނިކުންނާނެ ކަމަށް." ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ އިންތިޚާބާ ގުޅިގެން ބައެއް ޝަކުވާތައް ހުށަހަޅާފައިވާކަމަށާއި، ނަމަވެސް އޭގެތެރޭގައި ކަންބޮޑުވާންޖެހޭވަރުގެ ޝަކުވާއެއް ނެތްކަމަށެވެ. އެެހެންނަމަވެސް ހުށަހަޅާ ޝަކުވާތަކާއި މައްސަލަތައް އޮންނަ އުސޫލުތަކުގެ ތެރެއިން ހައްލުކޮށްދެއްވާނެކަމަށްވެސް ފުއާދު ވިދާޅުވިއެވެ.

މިފަހަރުގެ މަޖިލިސް އިންތިޚާބުގައި 284،663 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބެއެވެ. އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މެންދުރު 1:00 ޖެހުމާއި ހަމައަށް 113،627 މީހުން ވަނީ ވޯޓު ލާފައެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 39.92 އިންސައްތައެވެ.

މިއަދު ހެނދުނު 8:00 ޖެހިއިރު ފެށި މަޖިލިސް އިންތިހާބުގެ ވޯޓްލުން ހަވީރު 5:30އާ ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.