ޚަބަރު

ކ. މާފުށީގައި އަލިފާން ނިއްވުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި


  • މި ޚިދުމަތް ރަސްމީކޮށް ފަަށްޓަވައިދެއްވީ ދިފާޢީ ވަޒީރު

  • މިއީ މާލެ ފިޔަވައި ކ. އަތޮޅުގައި މި ޚިދުމަތް ފެށި ފުރަތަމަ ރަށް

  • އާބާދީ ބޮޑެތި ރަށްރަށަށް މި ޚިދުމަތް ފުޅާކުރުމަކީ އަމާޒެއް

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ފޯރުކޮށްދޭ އަލިފާން ނިއްވުމުގެ ޚިދުމަތް ކ. މާފުށީގައި ރަސްމީކޮށް ފަށައިފިއެވެ.

އެ ރަށުގައި މި ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫންއެވެ. އަލިފާން ނިއްވުމުގެ ޚިދުމަތް މާފުށީގައި ފެށުމާއި ގުޅިގެން، އެ ޚިދުމަތް އިތުރަށް ފުޅާކޮށް ތަރައްޤީކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މާފުށި ކައުންސިލާއެކު ދިފާޢީ ވަޒީރު ވަނީ ބައްދަލުވުމެއް ބާއްވަވާފައެވެ.

މި ބައްދަލުވުމުގައި އެމްއެންޑީއެފްގެ ލީޑަރޝިޕުގެ އިސް ބޭފުޅުން ވެސް ބައިވެރިވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުހުރީއާއި، ޖެނެރަލް އޮފިސަރުންނާއި، ސީނިއަރ އޮފިސަރުން ހިމެނެއެވެ.

މާލެ ސިޓީ ފިޔަވައި ކ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން މާފުށްޓަކީ މި ޚިދުމަތް ދޭން ފެށި ފުރަތަމަ ރަށްކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އަދި، މި ޚިދުމަތް އަތޮޅުގެ އާބާދީ ބޮޑު އިތުރު ރަށްރަށަށް ފުޅާކުރުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.