ޚަބަރު

ފީފާ ވޯލްޑްކަޕް 2026 ގަދަ 16: މެކްސިކޯ - އިންގްލޭންޑް


ފީފާ ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދުމަށް މުބާރާތް ބާއްވާ އެއް ގައުމު ކަމުގައިވާ މެކްސިކޯ އާއި ދެކޮޅަށް އިންގްލެންޑް މިރޭ ނިކުންނައިރު މިއީ މި މުބާރާތުގައި މިހާތަނަށް ކުޅެވޭ އެންމެ ފޯރިގަދަ އެއް މެޗެވެ.

މުބާރާތް ބާއްވާ މެކްސިކޯ އަށް އިންގްލެންޑްގެ ޓީމު މިދިޔަ ހުކުރު ދުވަހު އައުމާއިއެކު މެކްސިކޯގެ ސަޕޯޓަރުންގެ ފަރާތުން ކޮންމެވެސް ވަރެއްގެ ކަންތައްތަކަކާއި އިންގްލެންޑްގެ ޓީމާއިވަނީ ކުރިމަތިލާން ޖެހިފަ އެވެ.

މި މެޗު ފަށަށް އޮތް ގަޑީގައި މެކްސިކޯގެ މޫސުން ގޯސްވެދާނެކަމަށް ބެލެވޭތީ މެޗު އަވަސް ކުރުމާއި ގުޅޭ ގޮތުންވެސް ވަނީ ކުރިން މަޝްވަރާކޮށްފަ އެވެ. ނަމަވެސް ފަހުން ނިންމީ ކުރިންވެސް އޮތް ގޮތަށް ބަދަލެއް ނުގެނެސް މެޗު ކުރިއަށް ގެންދިއުމަށެވެ.

މެކްސިކޯ އިން މި މުބާރާތުގެ ގަދަ 16ގެ ޖާގައެއް ހޯދާފައިވަނީ ދެވަނަ ބުރުގައި އެކުއެޑޯ 2-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގަ އެވެ. އަދި އިންގްލެންޑްއިން ފޯރިގަދަ ކުޅުމަކަށްފަހުގަ 2-1 ގެ ނަތީޖާއަކުން ކޮންގޯ ބަލިކޮށް ގަދަ 16 ގެ ޖާގައެއް ހޯދާފަ އެވެ.

މީގެ ކުރިން މެކްސިކޯ އާއި އިންގްލޭންޑް ވަނީ ހަތަރު ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. އޭގެ ތެރެއިން ހަތަރު މެޗުންވެސް އިންގްލެންޑް ވަނީ މޮޅުވެފަ އެވެ. އެހެންކަމުން ތާރީޚަށް ބަލާއިރު މި މެޗު ބުރަވަނީ އިންގްލޭންޑް ކޮޅަށެވެ. ނަމަވެސް އަމިއްލަ ގައުމުގައި މެކްސިކޯ އާއި ދެކޮޅަށް އިންގްލޭންޑް މިހާތަނަށް ކުޅެފައެއް ނުވެއެވެ.

ނަމަވެސް 1966 ވަނަ އަހަރު އިންގްލޭންޑްގައި ބޭއްވި ފީފާ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ވަނީ ބައްދަލުކޮށްފަ އެވެ. އެ މެޗު 2-0 ގެ ނަތީޖައަކުން ކާމިޔާބުކޮށްފައިވަނީ އިންގްލޭންޑް އެވެ.

މެކްސިކޯގެ އަޒްޓޭކާ ސްޓޭޑިއަމްގައި އިންގްލެންޑް މިރޭ މެކްސިކޯ އާއި ދެކޮޅަށް ނިކުންނައިރު މިއީ އިންގްލޭންޑަށް ވަރަށް ހިތި ތަޖުރިބާތަކެއް ކުރެވިފައިވާ ދަނޑެކެވެ. 1986 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލުގައި އާޖެންޓީނާގެ ޑިއެގޯ މެރެޑޯނާ އަތުން އިންގްލެންޑް ކޮޅަށް ލަނޑު ޖަހާފައިވަނީ މި ދަނޑުގަ އެވެ. އެހެންކަމުން މިއީ ތާރީޚަށް ބަލާއިރު އިންގްލޭންޑްގެ ނަސީބު އެހާ ރަގަޅު ސްޓޭޑިއަމެއް ނޫނެވެ.

ނަމަވެސް މި ފަހަރުގެ މުބާރާތާއި އިންގްލޭންޑް ކުރިމަތިލީއިރު އެ ޓީމުގެ ކެޕްޓަން ހެރީ ކޭން ހުރީ ރަގަޅު ފޯމެއްގަ އެވެ. މި ފަހަރުގެ މުބާރާތުގައި މިހާތަނަށް އޭނާ ވަނީ 5 ލަނޑު ޖަހާފަ އެވެ.

މެކްސިކޯ އިން މި ފަހަރުގެ މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ހޯދާފައިވާއިރު މި ފަހަރުގެ މުބާރާތުގެ ދެވަނަ ބުރުގައި އެކުއެޑޯ އަތުން މޮޅުވި މެޗަކީ 1986 ވަނަ އަހަރަށްފަހު އެ ޓީމު ފީފާ ވޯލްޑްކަޕްގެ ނޮކްއައުޓް މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ.