ޚަބަރު

އަރަބިއްޔާ ގާކޮށި މަޝްރޫޢުން ފްލެޓް ނުލިބުނު މީހުންނަށް މިހާރު ހިންގާ މަޝްރޫޢުތަކުން ފްލެޓްދޭން ނިންމައިފި


ސަރުކާރުން 2010 ވަނައަހަރު ހުޅުވާލި އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުން ފްލެޓަށް ޝަރުޠު ހަމަވެ، މިހާތަނަށް ފްލެޓް ލިބުމުން މަޙްރޫމްވެފައިވާ ފަރާތްތަކަށް ސަރުކާރުން މިހާރު އިމާރާތްކުރަމުންދާ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ބޯހިޔާވަހިކަން ހޯދައިދޭން ސަރުކާރުން ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވައި ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާބޭހޭ ވުޒާރާއިން ނެރުންވި ނޫސްބަޔާނެއްގައި ވިދާޅުވީ، ސަރުކާރުން މިހާރު އެކުލަވާލާފައިވާ ބޯހިޔާވަހިކަމަށް ޖުމްލަ ހައްލެއް ހޯދުމުގެ ސިޔާސަތުގެ ދަށުން ކުރީގެ ސަރުކާރުތަކުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ބޯހިޔާވަހިކަން ލިބުމުން މަޙްރޫމުވެފައިވާ ފަރާތްތަކަށް އެންމެ އަވަހަށް ކުރިޔަށްގެންދާ މަޝްރޫޢަކުން ބޯހިޔާވަހިކަން ހޯދައިދިނުމަށް އިސްކަންދެއްވާކަމަށެވެ.

އަދި އެފަދަ އެކި މަޝްރޫޢުތަކުން ލިބިފައިވާ ބޯހިޔާވަހިކަމަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ދިމާވެފައިވާ ދަތިކަމަށް ޙައްލު ގެނެސްދިނުމަށް ސަރުކާރުން ނިންމަވާފައިވާކަންވަނީ މި ނޫސްބަޔާނުގައި ފާހަގަކުރައްވާފައެވެ.

އެގޮތުން 2010 ވަނައަހަރު ހުޅުވާލި އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުން އަރަބިއްޔާ އަދި ގާކޮށީގައި އިމާރާތްކުރެވުނު ޓާޓާ ފްލެޓްތަކަށް ޝަރުޠު ހަމަވިނަމަވެސް ފްލެޓް ލިބުމުން މަޙްރޫމްވެފައިވާ ފަރާތްތަކާއ،ި އެ މަޝްރޫޢުން ފްލެޓް ހޯދުމަށް ބޮޑު އިންޓެރެސްޓެއްގައި ލޯނު ހަމަޖައްސަން ޖެހުނު ފަރާތްތައް ތިބިކަން ސަރުކާރުންވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން އޭގެތެރެއިން މިހާތަނަށް އެހެން އެއްވެސް މަޝްރޫޢަކުން ބޯހިޔާވަހިކަން ލިބިފައިނުވާ ފަރާތްތަކަށް ސަރުކާރުން މިހާރު އިމާރާތްކުރަމުންދާ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ބޯހިޔާވަހިކަން ހޯދައިދޭން ނިންމާފައިވާކަން ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާބޭހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

ރައީސް ޑރ. މުޙައްމަދު މުއްޒުވަނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭނެކަމުގެ ލިޔުނު ލިބި ފްލެޓް ނުލިބުނު ފަރާތްތަކަށްވެސް ސަރުކާރުން ދެން އެންމެ އަވަހަށް ކުރިއަށްގެންދާ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުއަކުން ފްލެޓްދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ހިމެނޭހެން، މި 5 އަހަރުތެރޭގައި ގޯއްޗެއް ނުލިބޭ، ގެދޮރެއް ނުލިބޭ، އެކަކުވެސް ނުހުންނާނެހެން ސަރުކާރުން ހާސިލުކުރަން ބޭނުންވާ އަމާޒު ހާސިލުކުރުމަށް މަސައްކަތް ކުރައްވައި، މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ މައްސަލައަށް ދާއިމީ ހައްލެއް ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ހޯދައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައެވެ.