ޚަބަރު

ފަލަސްތީނަށް އ.ދ. ގެ ފުރިހަމަ މެންބަރުކަންދިނުމުގެ ކަންކަން ނާކާމިޔާބުކޮށްލުމުން ރާއްޖެއިން ހިތާމަކުރަން: ޒަމީރު


  • އިސްރާއީލުން ދަނީ އ.ދގެ ޗާޓަރާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވަމުން

  • ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލު ގެނެވޭނީ 1967ގެ ކުރިން އޮތްގޮތަށް ބޯޑަރު ބަދަލުވުމުން

  • އ.ދ.ން އިންސާފާއި ހަމަހަމަކަން ޤާއިމްކުރުން ކޮންމެހެން މުހިންމުކަމަށް ވަޒީރު ވިދާޅުވި

އ.ދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދޭން ކުރާ މަސައްކަތް އ.ދ.ގެ ސަލާމަތީ މަޖިލީހުން ބަލައިނުގަނެ އެކަން އަނެއްކާވެސް ނާކާމިޔާބުކޮއްލުމާއި ގުޅިގެން އެކަމާ ހިތާމަކުރާކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވަނީ އ.ދ.ގެ ފުރިހަމަ މެންބަރަކަށްވުމަށް ފަލަސްތީނުން ހުށައެޅި ހުށައެޅުން އ.ދ.ގެ ސަލާމަތީ މަޖިލީހުން ބަލައިނުގަތުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިމަހުގެ 2 ވަނަ ދުވަހު ފަލަސްތީނުން ވަނީ އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސްއަށް ސިޓީއެއް ފޮނުވާފައެވެ. މި ސިޓީގައި ވަނީ އ.ދ.ގެ ފުރިހަމަ މެންބަރު ޤައުމެއްގެ ގޮތުގައި ފަލަސްޠީން ބަލައިގަތުމުގެ މަސައްކަތް ސަލާމަތީ މަޖިލީހުގެ ރިޔާސަތު މިމަހު ބަލަހައްޓަވަމުން ގެންދަވާ މަލްޓާއިން ފެށުމަށް އެދިވަޑައިގެންފައެވެ.

މި ސިޓީއާ ގުޅިގެން އ.ދ ގެ ސަލާމަތީ މަޖިލީހުގައި މެދުއިރުމަތީގެ ހާލަތާ ގުޅޭގޮތުން ކުއާޓާލީ އޯޕަން ބަހުސެއް ބޭއްވުމަށް ނިންމިއެވެ.

މި ބަހުސްގައި ރާއްޖޭގެ ފަރާތުން ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ވިދާޅުވީ އ.ދ ގެ ފުރިހަމަ މެންބަރު ޤައުމަކަށް ފަލަސްޠީން ހެދުމަށްކުރާ މަސައްކަތުގައި މެންބަރު 192 ޤައުމުން ފުރިހަމަ އެއްބާރުލުންދޭންޖެހޭ ކަމަށެވެ. އަދި އިސްރާއީލުން އ.ދ ގެ ޗާޓަރާ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފުވަމުންދާކަމަށާއި ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާދެމުންދާކަން ނަޞީރު ފާހަގަކުރެއްވިއެވެ. ހަމައެއައިއެކު އ.ދ ގެ ސަލާމަތީ މަޖިލީހުން މިކަމަށް ފިޔަވަޅު އެޅުމަށް ގޮވާލައި އިސްރާއީލަށް ހަތިޔާރު ވިއްކުން މަނާކުރުމަށްވެސް ނަޞީރުގެ ތަޤުރީރުގައި ގޮވާލެއްވިއެވެ.

މީގެ އިތުރުން ނަޞީރު ވިދާޅުވީ ފަލަސްތީނުގެ މައްސަލާގައި ދެމެހެއްޓެނިވި ޙައްލެއް ހޯދޭނީ 1967ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ އިރުމަތީ ޤުދުސް ފަލަސްތީނުގެ ވެރިރަށެއްގެ ގޮތުގައި ކަނޑައެޅި، ފަލަސްތީނަކީ މިނިވަން މުސްތަޤިއްލު ދައުލަތަކަށްވުމުން ކަމަށެވެ.

މި ތަޤުރީރުގައި ނަޞީރު ވަނީ އ.ދ.ގެ ހުރިހާ މެންބަރު ޤައުމުތަކުން ފަލަސްޠީނަކީ އ.ދ.ގެ ފުރިހަމަ މެންބަރު ޤައުމެއްގެ ގޮތުގައި ބަލައިގަތުމަށް އެއްބަސްވުމަށް އެދިވަޑައިގެންފައެވެ.

ފަލަސްތީނަށް އ.ދ.ގެ ފުރިހަމަ މެންބަރުކަން ދިނުމުގެ މައްސަލައާ ގުޅިގެން ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއިން ސާބިތުވެ ތިބީ ފަލަސްތީނަކީ އ.ދ.ގެ ފުރިހަމަ މެންބަރަކަށްވާންޖެހޭ ކަމަށް ޤަބޫލުކުރާ 140ވުރެ ގިނަ ޤައުމާއެކު ކަމަށެވެ. އަދި އ.ދ އިން ހުރިހާ އެންމެންނަށްވެސް އިންސާފާއި ހަމަހަމަކަން ޤާއިމްކުރުމަކީ ކޮންމެހެން މުހިންމުކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ އެ ޤައުމަކީ މިނިވަން މުސްތަޤިއްލު ޤައުމަކަށްވެ، 1967ގެ ކުރިން ބޯޑަރުތައް އޮތް ގޮތަށް ފަލަސްތީނުގެ ބޯޑަރު ބަދަލުވުމުންކަމަށް ވަޒީރުވެސް ވަނީ ފާހަގަކުރައްވާފައެވެ.

އިސްރާޢީލުން ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ޢުދުވާނީ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު އޮތީ 34,000އަށް އުފުލުމާ ގާތުގައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. މިގޮތުން އެ ޢަދަދު 25,000އަށް އަރާނެ ކަމުގައި އެމެރިކާއިން ބުނެފައިވެއެވެ. އަދި ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 76,770އަށް އުފުލިފައެވެ.