ޚަބަރު

ޔޫސުފް ނަޢީމުގެ ޖަލު ހުކުމް ބާތިލްކޮށް، އަލުން މައްސަލަ ބަލަން ހުކުމްކޮށްފި


  • ރައީސް ޔާމީނަށް ދިން އެއް މިލިއަން ޑޮލަރަކީ ރިޝްވަތުކަން އެނގެން ނެތް ކަމަށް ހުކުމްގައިވޭ

ރިޝްވަތު ދިން ކަމުގެ ކުށް ސާބިތުވެގެން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކޮށްފައިވާ 3 އަހަރުގެ ޖަލު ހުކުމް، ހައި ކޯޓުން ބާތިލްކުރައްވާ މައްސަލަ އަލުން ބެލުމަށް ހުކުމްކުރައްވައިފިއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތު ދިންކަމުގެ ކުށް ސާބިތުވެ، ޔޫސުފް ނައީމްގެ މައްޗަށް ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވާތީ، މިއަދު ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމުގައި ގޯސްތަކެއް ހުރިކަން ފާހަގަކުރައްވާ، ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކުރައްވާފައެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ފަނޑުޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހަސަން ޝަފީއުއެވެ.

އެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރެއްވި ހުކުމުގައިވާ ގޮތުން ޤާނޫނުލްއުގޫބާތުގައި ރިޝްވަތުކަމަށް ބުނެފައިވަނީ މުވައްޒަފެއްގެ ރަސްމީ ހައިސިއްޔަތާ ގުޅޭ ކަމެއްގައި ހުއްދަ ނޫން މަންފާއެއް ހޯދައިދިނުން ކަމަށްވާއިރު، ރަށްތަކެއް ކުއްޔަށް ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ހައިސިއްޔަތާއި ގުޅޭ ކަމެއްކަން ދަށު ކޯޓުން ބަޔާންކޮށްދީފައިނުތީ، ޔޫސުފް ނައީމް ރިޝްވަތުގެ ގޮތުގައި ރައީސް ޔާމީނަށް ދިން ކަމަށް ބުނާ، އެއް މިލިއަން ޑޮލަރަކީ ރިޝްވަތު ކަމަށް އެކަށިގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އެނގެން ނެތް ކަމަށެވެ.

ދަށު ކޯޓުން އަދަބު ކަނޑައެޅުމުގައާއި ހެކި ބަލައިގަތުމުގައި ގޯސްތަކެއްވާ ކަމަށް ހައިކޯޓުގެ ހުކުމުގައި ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން، އެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން ވަނީ ހުކުމް ކުރައްވާފައެވެ.