ޚަބަރު

މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތު އޮވެ، އެމްޑީޕީން ކުރީ އިސްލާމްދީނަށް ފުރައްސާރަ: ހީނާ


  • އެމްޑީޕީން އިސްލާމްދީނާ ދެކޮޅޫ އަމަލުތައް ހިންގިކަމަށް ތުހުމަތުކުރެއްވި

  • އިސްލާމްދީނާ ގުޅުންހުރި ރައްޔިތުންގެ ކަންބޮޑުވާ މައްސަލަތައް ބޭރުކޮށްލިކަމަށް

ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެމްޑީޕީގައި އޮވެ، ޕާޓީގެ މެންބަރުން އިސްލާމްދީނުގެ ކަންކަމަށް އިހުމާލުވެ، ދީނަށް ފުރައްސާރަ ކޮށްފައިވާ މިންވަރު ފެނުނުކަމަށް ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ. އެ ޕާޓީން މިހެން ބުނީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލިސް އިންތިޚާބަށް ކަނޑައަޅުއްވާފައިވާ އެޕާޓީގެ ތަރުޖަމާން ހީނާ ވަލީދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ހީނާ ވިދާޅުވީ، މަޖިލީހަށް ހުށައެޅި މައްސަލަތަކުގެ ތެރެއިން އާންމުންގެ ތެރޭގައި އެންމެ ކަންބޮޑުވުން އޮތީ އިސްލާމްދީނާއި ގުޅުން ހުރި މައްސަލަތަކަށް ކަމަށެވެ. އެގޮތުން، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލާގައި މަޖިލީހަށް ހުށައެޅި ޤަރާރުތަކާއި، ރިޕޯޓުތައް އެމްޑީޕީގެ މެޖޯރިޓީން ބޭރުކޮށްލާފައިވާކަން ހީނާ ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، ނަބިއްޔާއާއި ކީރިތި ޤުރުއާނަށް ހަޖޫޖަހާ، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް، އެމްޑީއެން އިން ނެރުނު ރިޕޯޓަކާއި ގުޅިގެން މަޖިލީހަށް ހުށައެޅި މައްސަލަވެސް އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުން ބޭރުކޮށްލާފައިވާކަންވެސް ހީނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އިސްލާމްދީން ކުރިއަރުވަން މަސައްކަތްކުރާ ގިނަ ފަރާތްތަކާއި ދެކޮޅަށް އެމްޑީޕީން މަސައްކަތްކުރިކަމަށް ހީނާ ތުހުމަތުކުރެއްވިއެވެ.

ހީނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހުގެ މެޖޯރިޓީ ބޭނުންވެ ވަޑައިގަންނަވަނީ އެމްޑީޕީން ކުރަމުންދާ މިފަދަ މައްސަލަތައް ހުއްޓުވާ އިސްލާމްދީން ދިފާޢުކުރުމަށް ކަމަށެވެ.

"ދިވެހި ރައްޔިތުންނަށް ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށްޓަކައި އެމަނިކުފާނު ނިންމަވާފަ އެބަހުރި. އޭގެ ތެރޭގަ އިސްލާމްދީން ކުރިއެރުވުމާ، އިސްލާމްދީނަށް ޤަދަރާއި އިޙުތިރާމް ލިބޭނެ އެތައް އެތައް ކަމަކަށް މަގުފަހިވެގެންދާ ފަދަ އެތައް އެތައް ކަމެއް އެމަނިކުފާނުގެ މެނިފެސްޓޯގަ އެބަހުރި. ލެޖިސްލޭޓިވް އެޖެންޑާއަށް ބަލައިލާއިރުގަ ވެސް، ޒަކާތާބެހޭ ޤާނޫނީ ނިޒާމް އިތުރަށް ހަރުދަނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވެވަޑައިގަންނަވާ. ވަޤުފްތަކާބެހޭ ޤާނޫނީ ނިޒާމް އައުޤާފް އިތުރަށް ހަރުދަނާކޮށް އެކަންކަން އިތުރަށް ހަރުދަނާކޮށް ޤާނޫނީ ނިޒާމުގެ ތެރެއިން އެކަންކަން އިތުރަށް ފުރިހަމަ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންވެވަޑައިންނަވާ. ފަތުވާ ކައުންސިލް މިހާރަށްވުރެ ވެސް މަތީ ޙައިސިއްޔަތެއް ދެވޭނީ ކިހިނެއްތޯ، ރައްޔިތުންގެ މަޖިލީހުން އެމަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވެވަޑައިންނަވާ. މި އަދި ވަރަށް ކުޑަ މިންވަރެއްގެ ވާހަކަ އަޅުގަނޑު މި ދަންނަވާލީ"، ހީނާ ވަލީދު ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، ފާއިތުވި 5 އަހަރުގެ މުއްދަތުގެ ތެރޭގައި އެމްޑީޕީއަށް އޮތީ މަޖިލީހުގެ ތެރެއިން ޤާނޫނު އަސާސީ ބަދަލުކުރުމުގެ މެޖޯރިޓީ ލިބިފައިކަމަށެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި އެޕާޓީން ވަނީ ރައްޔިތުންގެ ހެވާއި ލާބައަށް ވިސްނައިގެން މަސައްކަތް ކުރުމުގެ ބަދަލުގައި މަޖިލީހުގެ ޖަލްސާތެރޭގައި ހަޑި މުޑުދާރު އަމަލުތައް ހިންގާފައި ކަމަށް ތުހުމަތުކުރެއްވިއެވެ. އެގޮތުން، މަޖިލީހުގެ ޖުމްލަ 37 ޖަލްސާއެއްގައި މާރާމާރީ ހިންގައި މަޖިލީހުގެ ތަކެއްޗަށް ގެއްލުންދީފައިވާކަމަވެސް ހީނާ ތުހުމަތުކުރެއްވިއެވެ.