ޚަބަރު

މާރޗް މަހު މީރާއަށް ލިބުނު އާމްދަނީ %34.4 އިތުރު


  • މިއަހަރުގެ މާރޗް މަހު 2.94 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު

  • އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީން

މިއަހަރުގެ މާރޗް މަހު ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މީރާއަށް ލިބުނު އާމްދަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %34.4 އިތުރު ވެއްޖެއެވެ. މާރޗް މަހުގެ އާމްދަނީ ވަނީ އަންދާޒާކުރި އަދަދަށްވުރެވެސް އިތުރުވެފައެވެ.

މިއަހަރުގެ މާރޗް މަހު މީރާއަށް ލިބުނީ 2.94 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިއަދަދަކީ ވޭތުވެދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %34.4 އިތުރު އަދަދެކެވެ. އަދި، މާރިޗު 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %26.0 ގިނަ އަދަދެއްކަމަށް މީރާއިން މައުލޫމާތުދެއެވެ.

މާރޗް މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީންނެވެ. އެއީ 1.52 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ 589.65 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 370.57 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 113.80 މިލިއަން ރުފިޔާ، އެއަރޕޯޓު ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި 106.12 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 240.62 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިދިޔަ މާރިޗު މަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 119.67 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ. މާރޗް މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ބޭންކް އިންކަމް ޓެކްސް، ޓީ.ޖީ.އެސް.ޓީ، ޓޫރިޒަމް ލޭންޑް ރެންޓް، އަދި ނޮން ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުންކަމަށް މީރާއިން މައުލޫމާތުދެއެވެ. އަދި މީގެއިތުރުން ބޭންކް އިންކަމް ޓެކްސްގެ ކުރިއަށް ހުރި ސުންގަޑިތަކުގެ ފައިސާ މާރިޗު މަހުގެ ތެރޭގައި ދައްކާފައިވާތީ މާރިޗްމަހު ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށް މީރާއިން ހާމަކުރެއެވެ.

އަދި، މިދިޔަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު މިއަހަރުގެ މާރޗް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމަކީވެސް މީރާއަށް ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބެއްކަމަށް މީރާއިންވަނީ ބުނެފައެވެ.