ޚަބަރު

މޯލްޑިވިއަނުން ހަނިމާދޫ އާއި ޓްރިވެންޑްރަމާ ދެމެދު އަލުން ދަތުރުތައް ފަށައިފި


  • މިދަތުރުތައް މެދުކަނޑާލީ ހަނިމާދޫ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތަށް

  • ހަނިމާދޫ އާއި ޓްރިވެންޑްރަމާއި ދެމެދު ހަފްތާއަކު 2 ދަތުރު ކުރާނެ

  • ހުކުރު އަދި ހޯމަ ދުވަހު ދަތުރުތައް ބާއްވާނެ

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުން އިންޑިއާގެ ޓްރިވެންޑްރަމަށް ޤައުމީ އެއަރލައިން މޯލްޑިވިއަނުން، ކުރަމުން ދިޔަ ދަތުރުތައް އަލުން ފަށައިފިއެވެ.

މިދަތުރުތައް މެދުކަނޑާލީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތަށެވެ.

ދަތުރުތައް ފެށުން ފާހަގަކުރުމަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައިވަނީ ހަފްލާއެއް ބާއްވާފައެވެ. މި ހަފްލާގައި ރީޖަނަލް އެއަރޕޯޓްސްގެ އިސްވެރިންނާއި، އައިލެންޑް އޭވިއޭޝަންގެ އިސްވެރިން ބައިވެރިވެފައިވެއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ހާމަކުރެއްވި ގޮތުގައި މޯލްޑިވިއަނުން ހަނިމާދޫ އާއި ޓްރިވެންޑްރަމާއި ދެމެދު ހަފްތާއަކު 2 ދަތުރު ކުރާނެއެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެވެސް ހުކުރު އަދި ހޯމަ ދުވަހު ދަތުރުތައް ބޭއްވުމަށްވަނީ ނިންމާފައެވެ.

ދަތުރުތައް އަލުން ފެށުމާއި ގުޅޭގޮތުން މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިލްޔާސް މީގެކުރިން ވިދާޅުވެފައިވަނީ މި ދަތުރުތަކާއެކު، ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަތަކެއް ލިބި، އިޤްތިސާދީގޮތުންވެސް އެ ސަރަހައްދަށް ކުރިއެރުންތައް ލިބޭނެކަމަށެވެ.

އައިލެންޑް އޭވިއޭޝަނުން ވިދާޅުވީ، ވެބްސައިޓާއި، މޯބައިލް އެޕް އަދި ޓިކެޓިން އޮފީސްތަކުން ޓިކެޓު ނެގޭނެކަމަށެވެ.