ޚަބަރު

ކުޅުދުއްފުށީގެ އައު އިންޖީނުގޭގެ މަސައްކަތް އަވަސްކޮށް ދާއިމީ ޙައްލު ގެންނާނަން: މުއާޒް


  • ލޯޑުބޮޑުވެ ކޮންމެ ދުވަހަކު ކޮންމެ ގެއަކުން 1 ގަޑިއިއަށް ކަރަންޓު ކަނޑާ

  • އައު ދެ ޖަނަރޭޓަރު ސެޓް ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުން

  • ހުއްޓިފައިވާ އިންޖީނުގޭގެ މަސައްކަތް އަލުން ފެށުމަށް ދަނީ ތައްޔާރުވަމުން

ހުއްޓިފައިވާ ކުޅުދުއްފުށީގެ އައު އިންޖީނުގޭގެ މަސައްކަތް އަވަހަށް ނިންމާ، ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލު ގެންނާނެކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. މުޢާޒު ވިދާޅުވީ މިވަގުތު ރަށަށް ދިމާވަމުންދާ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް ގެނެސްފައިވާ ޖަނަރޭޓަރު އިންސްޓޯލްކޮށް، ކުރިއަށް އޮތް 3 ދުވަސް ތެރޭ މައްސަލައަށް ވަގުތީ ޙައްލު ގެންނާނެކަމަށެވެ. މުއާޒު ވަނީ ކުޅުދުއްފުށްޓަށް ވަޑައިގެން މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.

ކުޅުދުއްފުށި ސިޓީއަކީ ދިހަހާހެއްހާ މީހުންގެ އާބާދީއެއް އޮތް ރަށެކެވެ. ކަރަންޓުގެ ލޯޑު ބޮޑުވެ، މި ވޭތުވެދިޔަ މަހެއްހާ ދުވަހު ކުޅުދުއްފުށީގެ ކޮންމެ ގެއަކުން ކޮންމެ ދުވަހަކުވެސް ގަޑިއެއްހާއިރަށް ކަރަންޓު ކަނޑާލަންޖެހެއެވެ. މިކަމުގެ ސަބަބުން ރަމަޟާން މަހު ރަށުގެ ރައްޔިތުން ދިރިއުޅެން ޖެހުނީ ބޮޑު ތަކުލީފެއްގައެވެ. އަދި މި މައްސަލަ އޮތީ ރަށުގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމަކަށްވެފައެވެ.

ކުޅުދުއްފުށްޓަށް ކަރަންޓުގެ ޚިދުމަތް ދެމުން އަންނަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. ކުޅުދުއްފުށްޓަށް ދިމާވެފައިވާ ކަރަންޓް މައްސަލައާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުޙައްމަދު ރަޝީދު ވިދާޅުވީ، އާބާދީ އިތުރުވެ ކުޅުދުއްފުށީގައި ދުވާލަކަށް ބޭނުންވާ ކަރަންޓު ކެޕޭސިޓީ ބޮޑުތަނުން އިތުރުވެފައިވާކަމަށެވެ. ނަމަވެސް މި އާބާދީއަށް ޚިދުމަތް ދެވޭވަރަށް ވޭތުވެދިޔަ އަހަރުތަކުގައި ރަށުގައި ކަރަންޓު ކެޕޭސިޓީ އިތުރުކޮށްފައި ނެތްކަމަށެވެ.

ކަރަންޓު ކެނޑޭ މައްސަލައަށް ވަގުތީ ޙައްލެއް ގެނައުމަށް 800 ކިލޯވޮޓްގެ އިންޖީނެއް ރަށަށް ގެނެސް މިހާރު ދަނީ އިންސްޓޯލްކުރަމުންނެވެ. މުއާޒު ވިދާޅުވީ މައްސަލައަށް ވަގުތީ ޙައްލެއް ގެނައުމަށް ވަގުތުތަކެއް ނެގިކަން ކުންފުނިން ޤަބޫލުކުރާކަމަށާއި ނަމަވެސް މަސައްކަތްކުރަމުންދަނީ ވީހާވެސް އަވަސް ޙައްލެއް ހޯދުމަށްކަމަށެވެ.

މަސައްކަތް ލަސްވި އެއް ސަބަބެއްގެ ގޮތުގައި މުއާޒު ވިދާޅުވީ އަލަށް ގެނައި އިންޖީނު ބެހެއްޓުމަށް ބޭނުންވާ ޖާގަ އިންޖީނުގޭގައި ނެތުމުން އައު އިންޖީނު ބެހެއްޓުމަށް ވަކިން ތަނެއް ހަދަންޖެހުމެވެ. ނަމަވެސް މިހާރު އެ އިންޖީނު ބަހައްޓާ ކަރަންޓު ނެޓްވޯކާ ގުޅާލުމުގެ ފަހުގެ މަސައްކަތްތައް ކުރަމުންދާކަމަށް މުއާޒް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 3 ދުވަސް ތެރޭގައި އިންޖީނު އިންސްޓޯލްކުރުމުގެ ހުރިހާ މަސައްކަތްތައް ނިމި، މައްސަލައަށް ވަގުތީ ޙައްލު ގެންނާނެކަމަށް ވިދާޅުވިއެވެ. މުއާޒު ވިދާޅުވީ އަންނަ ހަފްތާގައިވެސް އިތުރު އިންޖީނެއް ކުޅުދުއްފުށްޓަށް ގެންނާނެކަމަށެވެ.

މިހާރު ދިމާވެފައިވާ ކަރަންޓު މައްސަލަ ޙައްލުކުރަން އަލަށް އިތުރުކުރާ 800 ކިލޯވޮޓުގެ އިންޖީނާއި 1.2 މެގަވޮޓްގެ އިންޖީނާއެކު 9 މެގަވޮޓްގެ ކަރަންޓު ކެޕޭސިޓީ ރަށުގައި ޤާއިމުވާނެއެވެ.

"ގެނައި ޖެން ސެޓް ބަހައްޓާނެ ޖާގަވެސް ނެތް. އެހެންވީމަ ސިވިލް ވޯކްތަކެއްކޮށްގެން އިންޖީނު ބެހެއްޓުނީ. ކުރިއަށް އޮތް ހަފްތާގައި 1.2 މެގަވޮޓްގެ އިތުރު އިންޖީނެއް ގެންނާނަން. ދެ ސެޓް ބޭނުންކުރަން ފެށީމަ ރަނގަޅު ޙައްލު އަންނާނެ." މުއާޒު ވިދާޅުވިއެވެ.

މުޢާޒު ވިދާޅުވީ ކުޅުދުއްފުށީގެ ކަރަންޓު މައްސަލައިގެ ދާއިމީ ޙައްލަކީ އަޅަންފަށާ ހުއްޓިފައި ހުރި އިންޖީނުގެ ނިންމާ، އެ އިންޖީނުގޭގައި ރަށަށް ބޭނުންވާ ކަރަންޓު ކެޕޭސިޓީ ޤާއިމުކޮށް ޚިދުމަތް ދިނުންކަމަށެވެ.

ރަށުގައި ހަދާ އައު އިންޖީނުގޭގެ މަސައްކަތް ފެށީ 2020ވަނަ އަހަރުއެވެ. 1 އަހަރުދުވަހުން ނިންމަން ހަވާލުކުރި ޕްރޮޖެކްޓް ނުނިންމާ، 3 އަހަރުގެ މުއްދަތު ވަނީ ފާއިތުވެފައެވެ. މުއާޒު ވިދާޅުވީ އިންޖީނުގޭގެ މަސައްކަތް ހުއްޓިފައިވާ ސަބަބުތައް ދެނެގަނެފައިވާކަމަށާއި، ކުރިއަށް އޮތް މަހެއްހާ ދުވަހުގެތެރޭގައި މަސައްކަތްތައް އަލުން ފެށުމަށް ފެނަކައިން ތައްޔާރުވަމުންދާކަމަށެވެ.

މުއާޒު ވިދާޅުވީ 30 މިލިއަން ރުފިޔާއިން މަސައްކަތް ނިމެން އޮތް ޕްރޮޖެކްޓް، މަސައްކަތްތައް ދިގުލައިގެން ދިއުމުގެ ސަބަބުން މިހާރުވެސް 45-50 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ. މި ޕްރޮޖެކްޓްގައި މިހާތަނަށް ނިމިފައިވަނީ %45ކަމަށް އޭނާ ވިދާޅުވިއެވެ.

"ރަނގަޅަށް ކަންކަން ހަމަނުޖައްސާ ޕްރޮޖެކްޓް ފެށީމަ ނުނިމި ދިގުލައިގެން ގޮސްފައި އޮތީ. ޕްރޮޖެކްޓް ޚަރަދު އެތައް ގުނައަކުން ބޮޑުވެއްޖެ. މިހާރު މަސައްކަތްކުރަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެތެރޭގައި މަސައްކަތް ފަށާ، ރަނގަޅަށް ކުރިއަށްދާނަމަ 6 މަސް ތެރޭ މަސައްކަތް ނިންމަން. އޭރުން ދާއިމީ ޙައްލު އަންނާނެ." މުއާޒު ވިދާޅުވިއެވެ.

އައު އިންޖީނުގެއަކީ ހަތަރު މެގަ ވޯޓުގެ 5 އިންޖީނު ބެހެއްޓޭ ކެޕޭސިޓީގެ އިންޖީނުގެއެވެ. ކުޅުދުއްފުށީގައި މިހާރު އިންސްޓޯލްކޮށްފައިވަނީ 7 މެގަވޮޓްގެ ކަރަންޓެވެ.