ކުޅިވަރު

ކޮމްޕެނީ ޓޭޕްބޯލް: ސީ މާސްޓާ އާއި އަހިންޝަކާއަށް އިތުރު މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ ޓޭޕްބޯލްގައި މިއަދު ކުޅުނު މެޗުތަކުން ސީ މާސްޓާ ލައިންސް އާއި ލޮޓެމް ޝިޕިން (އަހިންޝަކާ) މޮޅުވެއްޖެއެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ބީގެ ފުރަތަމަ މެޗުން ސީ މާސްޓާ މޮޅުވީ ފަހި ދިރިއުޅުމާ ވާދަކޮށް ހަ ވިކެޓުންނެވެ.

މި މެޗުގެ ގުރުދިމާވުމުން ފަހި ދިރިއުޅުން އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 84 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ފަސް ބޯޅައިން 12 ލަނޑު ހެދި ޕްރިންސް ސެލްވަރާޖެވެ. ޖަވާބުގައި ސީ މާސްޓާ ކުޅެން އަރައި 4.5 އޯވަރުގެ ތެރޭގައި ވަނީ އެންމެ ކުޅުންތެރިއަކު ނުބައިވެގެން 88 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ ނުވަ ބޯޅައިން 33 ލަނޑު ހެދި ނަލަކަ ޖަޔަވީރާ އާއި، ހަތް ބޯޅައިން 31 ލަނޑު އެއްކުރި ރަނުކަ ޕެރޭރާއެވެ.

މީގެ އިތުރުން މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ބީގެ ދެވަނަ މެޗުން އަހިންޝަކާ މޮޅުވީ ރަޔާންއާ ވާދަކޮށް ހަތް ވިކެޓުންނެވެ.

މި މެޗުގެ ގުރުދިމާވުމުން ރަޔާން އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 85 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 16 ބޯޅައިން 18 ލަނޑު ހެދި ވިގްނޭސްވަރަން ކުގަނަންއެވެ. ޖަވާބުގައި އަހިންޝަކާ ކުޅެން އަރައި 3.2 އޯވަރުގެ ތެރޭގައި ވަނީ އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ 89 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 10 ބޯޅައިން 34 ލަނޑު ހެދި އަމިލާ ރަނަސިންހޭ އާއި، ނުބައިނުވެ ހަތް ބޯޅައިން 24 ލަނޑު އެއްކުރި ތަރަކަ ރުވާންއެވެ.

މި އަހަރުގެ ކޮމްޕެނީ މުބާރާތުގައި 12 ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހެވެ.