ކުޅިވަރު

ބީޖީ ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ޖޭޖޭ ސްޕޯޓްސް ކުލަބަށް


ބީޖީ ފުޓްސަލް ޗެލެންޖް 2024 ގެ ފައިނަލް މެޗުގައި އާރްޑީއެލް އެސްސީ ބަލިކޮށް، ޖޭޖޭ ސްޕޯޓްސް ކުލަބުން ޗެމްޕިއަންކަން ހޯދައިފިއެވެ.

ބީޖީ ފުޓްސަލް ދަނޑުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު ފައިނަލް މެޗު ޖޭޖޭއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.

މި މެޗުގެ ފުރަތަަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު ޖޭޖޭއިން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ އިފާޒެވެ. އަދި މެޗުގެ 14 ވަނަ މިނެޓުގައި ޖޭޖޭއިން ލީޑު ފުޅާކުރިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އެވެ.

މި މެޗުގެ ދެވަނަ ހާފުގައި އާރްޑީއެލްއިން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމުން ވަނީ ފަރަގު ކުޑަކޮށްފައެވެ. ލިބުނު ދުރު ޕެނަލްޓީއަކުން މި ލަނޑު ޖަހައިދިނީ މުޙައްމަދު ނާއިލްއެވެ.

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ޖޭޖޭގެ ފޭދޫ އިއްބެ އާއި، އަބްދުﷲ ސަމީހް މޫސާ (ސަމިއްޓެ) އާއި، ގޯލްކީޕަރު މުޙައްމަދު ޝަފީއުގެ އިތުރުން އާރްޑީއެލްގެ ހުސެއިން ޝަރީފް (އޮންލީ) އާއި ހުސެއިން ސުހައިލެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޖޭޖޭގެ މުޙައްމަދު ފުހައިދެވެ. އަދި މުބާރާތްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިިޔާގެ މަގާމު ހޯދީ ޖޭޖޭގެ އިސްމާޢީލް އީސާ (މެސީ) އެވެ. އޭނާ ވަނީ މި މުބާރާތުގައި ޖުމްލަ 14 ލަނޑު ކާމިޔާބުކޮށްފައެވެ.

ބީޖީ ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 40,000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ. މި މުބާރާތުގައި 32 ޓީމެއް ވާދަކުރިއިރު، މި މުބާރާތް ބާއްވާފައި މިވަނީ ހަތް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ.