ކުޅިވަރު

ކޮމްޕެނީ ޓޭޕްބޯލް: ފްރެންޑްސް މޯލްޑިވްސް އާއި ލަގްޒަރީ ލެގޫންސްއަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ ޓޭޕްބޯލްގައި މިއަދު ކުޅުނު މެޗުތަކުން ފްރެންޑްސް މޯލްޑިވްސް އާއި ލަގްޒަރީ ލެގޫންސް މޮޅުވެއްޖެއެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް އޭގެ ފުރަތަމަ މެޗުން ފްރެންޑްސް މޯލްޑިވްސް މޮޅުވީ އަސެންސޯއާ ވާދަކޮށް ތިން ވިކެޓުންނެވެ.

މި މެޗުގެ ގުރުދިމާވުމުން އަސެންސޯ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 102 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 22 ބޯޅައިން 26 ލަނޑު ހެދި މުޙައްމަދު ނަސްމީއެވެ. ޖަވާބުގައި ފްރެންޑްސް މޯލްޑިވްސް ކުޅެން އަރައި ބާކީ ދެ ބޯޅަ އޮއްވައި ވަނީ ހަތަރު ކުޅުންތެރިން ނުބައިވެގެން 103 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 11 ބޯޅައިން 21 ލަނޑު ހެދި ކްރިޝްނާ ދާސް އާއި، 20 ބޯޅައިން 23 ލަނޑު އެއްކުރި ސިރީދަރަން ސެލްވަންދަންއެވެ.

މީގެ އިތުރުން މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް އޭގެ ދެވަނަ މެޗުން ލަގްޒަރީ ލެގޫންސް މޮޅުވީ އެލިއާ މޯލްޑިވްސްއާ ވާދަކޮށް ފަސް ވިކެޓުންނެވެ.

މި މެޗުގެ ގުރުދިމާވުމުން އެލިއާ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 125 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 17 ބޯޅައިން 35 ލަނޑު ހެދި މުޙައްމަދު ޝިފާޒެވެ. ޖަވާބުގައި ލަގްޒަރީ ލެގޫންސް ކުޅެން އަރައި ބާކީ ހަތަރު ބޯޅަ އޮއްވައި ވަނީ ދެ ކުޅުންތެރިން ނުބައިވެގެން 126 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 12 ބޯޅައިން 34 ލަނޑު އެއްކުރި އެރެންދަ ބަންޑާރައެވެ.

މި އަހަރުގެ ކޮމްޕެނީ މުބާރާތުގައި 12 ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހެވެ.