ޚަބަރު

އައްޑޫ ސިޓީއާއި ކޫއްޑޫއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ


  • މި ދަތުރުތައް ފަށާނީ އަންނަ އޮކްޓޫބަރުމަހުގެ 29ވަނަ ދުވަހު

  • ހަފްތާއަކު ދެ ދަތުރު ކުރާނެ

  • ޓިކެޓު ބުކް ކުރުމަށް މިހާރުވަނީ ހުޅުވާލާފައި

ޤައުމީ އެއަރލައިން މޯލްޑިވިއަންއިން އައްޑޫ ސިޓީ އާއި ގއ. ކޫއްޑޫއާ ދެމެދު ސީދާ ދަތުރުތައް ފަށަން ނިންމައިފިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑު އޭވިއޭޝަނުން ބުނީ، މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރުމަހުގެ 29ވަނަ ދުވަހު ކަމަށާއި، ހަފްތާއަކު ދެ ދަތުރު ކުރާނެކަމަށެވެ.

ދެކުނުގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ. އަދި މި ފެށޭ ދަތުރުތަކަކީ އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ، ފަތުރުވެރިކަމާއި ބެހޭ ވުޒާރާ އަދި މޯލްޑިވްސް މަރކެޓިން އެންޑު ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީ ގުޅިގެން ދެކުނުގައި ފަތުރުވެރިކަން ފުޅާކޮށް، ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދީ ތަރައްޤީގެ ރޮނގުން ކުރިއެރުންތައް ގެނައުމަށް ކުރެވޭ މަސައްކަތެއްކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

އައިލެންޑް އޭވިއޭޝަނުން ބުނިގޮތުގައި މި ދަތުރުތައް ކުރާނީ ކޮންމެ ހަފްތާއަކު އަންގާރަ އަދި ހޮނިހިރު ދުވަހުކަމަށެވެ.


އައިލެންޑް އޭވިއޭޝަނުން ބުނީ، ގަން އެއަރޕޯޓާއި ކޫއްޑޫ އެއަރޕޯޓާއި ގުޅާލެވުމުން، ސްރީލަންކަން އެއަރލައިންސްގައި ސީދާއަށް އައްޑޫއަށް ދަތުރުކުރާ ފަތުރުވެރިންނަށް ގއ. އަދި ގދ. ގެ އަތޮޅުތަކުގެ ރިސޯޓުތަކާއި ގެސްޓުހައުސްތަކަށް ފަސޭހައިން ދަތުރުކުރެވޭނެ ކަމަށެވެ.


ޓިކެޓު ބުކް ކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، އޮންލައިންކޮށް އަދި މޯލްޑިވިއަންގެ ޓިކެޓިންގ އޮފީހާއި ސޭލްސް އެޖެންޓުން މެދުވެރިކޮށްވެސް ޓިކެޓު ބުކްކޮށްލެވޭނެކަމަށް އައިލެންޑް އޭވިއޭޝަނުން މައުލޫމާތުދެއެވެ.