ޚަބަރު

ބްރިޖްގެ މަސައްކަތް މެކުހަށް، ބޮޑު ޕްރޮޖެކްޓެއްގެ މަންޒަރު މިހާރު ފެނޭ


  • ތިލަމާލެ ބްރިޖް ފެށީ 2022ގެ މެދުތޭގައި

  • ދަޢުރު ނިމުނުއިރު %72 ނިމިފައި އޮންނަޖެހޭ މަސައްކަތުގެ ނިމުނީ %27

  • އާ ސަރުކާރު ހަވާލުވެ ޕްރޮޖެކްޓް ވަނި ޓައިމްލަނަށްވުރެ އަވަސްކޮށްފައި

ތިލަމާލެ ބްރިޖްގެ މަސައްކަތަކީ މިހާރު މާލެ ސަރަޙައްދުގެ ތަރައްޤީއާއި އިޤްތިޞާދާ އެންމެ ބޮޑަށް ގުޅިފައިވާ އެއް މަޝްރޫޢެވެ.

މާލެއާއި 3 ރަށް ގުޅާލުމުގެ މި މަޝްރޫޢުގައި ސަރަޙައްދުގެ އިޤްޞާދީ މައި ހަބު ތިލަފުށި ގުޅާލައެވެ. އަދި ވިލިމާލޭގެ އިތުރުން މިހާރު މި ސަރަޙައްދުގައި މީހުން އާބާދުކުރުމަށް ތައްޔަރުވަމުންދާ އެންމެ ބޮޑު އެއް މަޝްރޫޢު ގުޅިފަޅާ ގުޅާލާނެއެވެ. މި މަޝްރޫޢުގައި މުސްތަޤުބަލުގައި ގިރާވަރު ފަޅުވެސް ގުޅާލުމަށް ވަނީ ނިންމާފައެވެ.

ނިމުނު ސަރުކާރުން ބުނަމުންދިޔަ "ސަރުކާރުގެ ބޮޑު މަޝްރޫޢު" ތިލަމާލެ ބްރިޖްގެ މަސައްކަތް ޢަމަލީ ގޮތުން ފެށީ ދަޢުރު ނިމެން އަހަރެއްހާ ދުވަހަށް ވެފައި ވަނިކޮށެވެ. ނަމަވެސް އޭރު ބުނަމުން ދިޔައީ ދަޢުރު ނިމުމުގެ ކުރިން 2023 ޖުލައި މަހު، މާލެއާއި ވިލިމާލޭ ގުޅާލާ ބްރިޖްގެ މަސައްކަތް ނިންމާ، ބްރިޖްގެ އެ ބައި ދުއްވަން ހުޅުވާލާނެކަމަށެވެ.

ދީފައިވާ ޓައިމްލައިންތަކަށް މަސައްކަތްތައް ނިމޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އޭރު ސަރުކާރުން ރައްޔިތުންނަށް ދެމުންދިޔައެވެ. ނަމަވެސް މިދިޔަ އަހަރު ނޮވެމްބަރު 17 ގައި ދަޢުރު ނިމުނުއިރުވެސް، ކަނޑުމަތީގައި އަޅާފައިވާ ޕްލެޓްފޯމްތަކާއި ޖަހާފައިވާ މަދު ދަގަނޑު ހޮޅިތަކެއް ފިޔަވާ ފެނުން މައްޗަށް މާ ބޮޑު މަސައްކަތެއް ފެންނާކަށް ނެތެވެ. ޕްރޮޖެކްޓްގެ ލަސްކަމަށް އެތަށް ބައެއްގެ ފާޑުކިޔުން ރައްދުވަމުންދިޔައެވެ.

ނިމުނު ސަރުކާރުގައި ތާވަލާ އެއްގޮތަށް ބްރިޖްގެ މަސައްކަތް ކުރިއަށްގެންދިޔަނަމަ، އައު ސަރުކާރު ހަވާލުވިއިރު ބްރިޖްގެ %77 މަސައްކަތް އޮންނަންޖެހޭނީ ނިމިފައެވެ. ނަމަވެސް އައު ސަރުކާރު ހަވާލުވިއިރު ނިމިފައި އޮތީ ބްރިޖްގެ %27 މަސައްކަތެވެ. ޓައިމްލައިންގައި ވާގޮތުންނަމަ މުޅި މަޝްރޫޢު މިއަހަރުގެ މެއި މަހުގެ ނިޔަލަށް ނިމޭނެއެވެ. އެހެންނަމަވެސް މަސައްކަތްތައް އޮތީ ބޮޑުތަނުން ޝެޑިއުލުން ކައްސާލާފައެވެ.

ކޮންމެއަކަސް މި މަޝްރޫޢުވެގެންދަނީ އަވަހަށް ނިންމާ އޭގެ ޚިދުމަތް ލިބުން އަވަސްކުރަންޖެހިފައިވާ މަސައްކަތަކަށެވެ. މި މަޝްރޫޢު ވެގެންދަނީ އައު ސަރުކާރުންވެސް ބާރުއަޅާ، އަވަހަށް ނިންމަން ބޭނުންވާ އެންމެ މުހިންމު އެއް މަޝްރޫޢުއަށެވެ.

ސަރުކާރުގެ ހަފްތާ 14 އެޖެންޑާގައި މި ޕްރޮޖެކްޓް ލަސްވާ ސަބަބު ދެނެގަނެ އެކަމަށް އަވަސް ފިޔަވަޅުތައް އަޅާ މަސައްކަތްތުގެ ސްޕީޑް ބާރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިމެނުއްވިއެވެ.

އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު، ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބްރިޖްގެ ޢަމަލީ މަސައްކަތް ކުރިއަށްދާ ސައިޓްތައް ބައްލަވާލެއްވުމަށް އަމިއްލަފުޅަށް އެ ސަރަޙައްދުތަކަށް ވަޑައިގެންފައެވެ. އެގޮތުން މާލޭގައި ބްރިޖްގެ މަސައްކަތް ކުރިއަށްދާ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދާއި، ގުޅިފަޅުގައި ބްރިޖްގެ މަސައްކަތް ކުރަމުންދާ ސައިޓްގެ މަސައްކަތްތައް ބައްލާވާލެއްވިއެވެ.

އަދި އެމަނިކުފާނު ވަނީ މި ޕްރޮޖެކް އެޤައުމެއްގެ އެހީގައި ކުރިއަށްދާ އިންޑިއާ ސަރުކާރު އަދި ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރާ ބައްދަލުކުރައްވާ މަސައްކަތްތައް އަވަހަށް ގެންދިއުމަށް ބޭނުންވާކަމާއި އެމަގުން މަސައްކަތްތައް ކުރިއަށްގެންދިއުމަށް އެދިވަޑައިގެންފައެވެ.

ބިޔަ މަޝްރޫޢެއް ކުރިއަށްދާން ޖެހޭގޮތުގެ އަސްލު މަންޒަރު މިހާރު ދަނީ ފެންނަމުން

ސަރުކާރުން ކުރެއްވި މަސައްކަތްތަކާއެކު މުޅި މަޝްރޫޢުގެ މަންޒަރު މިހާރު ވަނީ ބަދަލުކޮށްލާފައެވެ. ވޭތުވެދިޔަ 4 މަހުގެ މަސްދުވަހު ސަރުކާރުން ކުރި މަސައްކަތާއެކު މިހާރުވަނީ ބްރިޖްގެ މަސައްކަތް ތާވަލަށްވުރެ އަވަސްކޮށްފައެވެ.

ބޮޑު ބިޔަ މަޝްރޫޢުއެއް ހިނގާ މަންޒަރު މިހާރު މާލޭގެ ހުޅަނދު ދެކުނުން ފެނެއެވެ. ތަނބުތައް ފެނުން މައްޗަށް އަރާ އަދި ނިމެމުންދާވަރަކަށް އެއްތަނބު އަނެއްތަނބާ ގުޅާލާ ކޮންކްރީޓް ސްލެބްތައް އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކާއެކު، ބްރިޖް މަސައްކަތް މިހާރު އުޅެނީ ޓައިމްލައިނަށްވުރެ %1.11 ކުރީގައެވެ. މުޅި މަޝްރޫޢުގެ %35 ވަނީ ނިމިފައެވެ. ތަނބުތަކުގެ ޕައިލިން މަސައްކަތުގެ %58 ވަނީ ނިންމާފައެވެ.

މަސައްކަތްތައް ލަސްވަމުންދިޔަ މިންވަރަށް ބަލާ އެންމެ ފަހުން ތާވަލުކޮށްފައި ވަނީ 30 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް މުޅި މަޝްރޫޢު ނިންމުމަށެވެ. މަލެއިން ގުލިފަޅަށް ގުޅާލުމުގެ މަސައްކަތް ނިންމަން އޮތީ 31 މަރިޗު 2026 އަށެވެ.

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެފައިވަނީ ސަރުކާރުގެ ފުރަތަމަ ޢަމާޒަކަށްވީ ޕްރޮޖެކްޓްގައި މަޑުޖެހިފައި ހުރި މަސައްކަތްތައް އަވަސްކޮށް، ޓައިމްލައިނާ އަރާހަމަކުރުންކަމަށެވެ. ވަޒީރު ވިދާޅުވީ، އެ އާމާޒަށް ވާސިލުވެ، މިހާރު ތާވަލަށްވުރެ ބާރަށް މަސައްކަތް ކުރިއަށްދާކަމަށެވެ. ދެން މަސައްކަތް ކުރާނީ ޕްރޮޖެކްޓް ނިންމަން މިހާރު ކަނޑައަޅާފައިވާ ތާރީޚް އަވަސްކުރުމަށްކަމަށް ޑރ. މުއްޠަލިބު ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖަކީ 6.7 ކިލޯ މީޓަރުގެ ބްރިޖެކެވެ. މިއީ 500 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ބާކީ ބައި ދަޢުލަތުން ޚަރަދުކުރާގޮތަށެވެ. މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ.