ކުޅިވަރު

ކޮމްޕެނީ ޓޭޕްބޯލް: ސީ މާސްޓާ އާއި އަހިންޝަކާއަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ ޓޭޕްބޯލްގައި މިއަދު ކުޅުނު މެޗުތަކުން ސީ މާސްޓާ ލައިންސް އާއި ލޮޓެމް ޝިޕިން (އަހިންޝަކާ) މޮޅުވެއްޖެއެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ބީގެ ފުރަތަމަ މެޗުން ސީ މާސްޓާ މޮޅުވީ ރަޔާންއާ ވާދަކޮށް 57 ލަނޑުންނެވެ.

މި މެޗުގެ ގުރުދިމާވުމުން ސީ މާސްޓާ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެންމެ ކުޅުންތެރިއަކު ނުބައިވެގެން ވަނީ 146 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 14 ބޯޅައިން 36 ލަނޑު ހެދި ކޯޝަލް ރޮޑްރީގޯ އާއި، 14 ބޯޅައިން 34 ލަނޑު އެއްކުރި ރަނުކަ ޕެރޭރާއެވެ. ޖަވާބުގައި ރަޔާން ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 89 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 17 ބޯޅައިން 25 ލަނޑު ހެދި އަޙްމަދު ހަސަނެވެ.

މީގެ އިތުރުން މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ބީގެ ދެވަނަ މެޗުން އަހިންޝަކާ މޮޅުވީ ފަހި ދިރިއުޅުމާ ވާދަކޮށް 74 ލަނޑުންނެވެ.

މި މެޗުގެ ގުރުދިމާވުމުން އަހިންޝަކާ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 135 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 12 ބޯޅައިން 35 ލަނޑު ހެދި ސަމްޕަތު ދިނޭޝް އާއި، 12 ބޯޅައިން 33 ލަނޑު އެއްކުރި ތަރަކަ ރުވާންއެވެ. ޖަވާބުގައި ފަހި ދިރިއުޅުން ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 61 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ހަތަރު ބޯޅައިން އަށް ލަނޑު ހެދި ޕްރިންސް ސެލްވަރާޖެވެ.

މި އަހަރުގެ ކޮމްޕެނީ މުބާރާތުގައި 12 ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ ނުވަވަނަ ދުވަހެވެ.