ޚަބަރު

އެމްޓީސީސީގެ ބޯޑު މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި


  • ހުޅުވާލާފައިވަނީ އާއްމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރުކަމުގެ މަގާމަށް

  • 23 އޭޕްރީލްގެ ކުރިން ހުށަހަޅަންޖެހޭ

ޢާންމު ޙިއްޞާދާރުންގެ ފަރާތުން އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރަންޖެހޭ 2 ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމުގެ ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ބުނީ އެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން 23 އޭޕްރީލްވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރަންޖެހޭނެކަމަށެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޯމު ހުށަހަޅުއްވާ ފަރާތްތައް، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނޮމިނޭޓިންގ އެންޑް ރެމިއުނެރޭޝަން ކޮމެޓީއިން އިވެލުއޭޓް ކުރާނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އެ މަގާމަށް ނޮމިނޭޓްވާ ފަރާތްތަކުގެ މަޢުލޫމާތު ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި، މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާކަމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމަވާ ފަރާތްތަކުގެ މަޢުލޫމާތު، އަހަރީ ޢާންމު ޖަލްސާ ބޭއްވުމުގެ ކުރިން ޙިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ޢާންމުކޮށް އިޢުލާން ކުރާނެއެވެ. މި މަޤާމަށް ޑިރެކްޓަރުން އިންތިޚާބުކުރާނީ މިއަހަރު ބާއްވާ 2023 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި،
* ކުންފުނީގެ ޙިއްޞާދާރެއްކަމުގައިވުން.
* އުމުރުން 30 އަހަރު ފުރިފައިވުން.
* ކުންފުނީގެ ވިޔަފާރިއާއި، ވިޔަފާރީގެ ދާއިރާތަކަށް އަހުލުވެރި ފަރާތަކަށްވުން.
* ކުންފުނީގެ ކަންކަމަށް އެކަށީގެންވާ ވަގުތު ދެވޭނެ ފަރާތެއްކަމުގައިވުން.
* ސާބިތު ދަރަންޏެއް އޮތް ފަރާތެއް ކަމުގައި ނުވުން.
* ސީއެމްޑީއޭގެ"ފިޓް އެންޑް ޕްރޮޕަރ މިންގަނޑުތަކުގެ ގައިޑްލައިން" އަށް ފެތޭ ފަރާތެއްކަމުގައިވުން.
* ވިޔަފާރިއާއި ގުޅުންހުރި ދާއިރާއަކުން ބައިނަލްއަގްވާމީ ޔުނިވަރސިޓީއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ފެންވަރުގެ ސަނަދަކާއެކު 05 އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވުން ނުވަތަ ޑިޕްލޮމާ ފެންވަރުގެ ސަނަދަކާއެކު މަދުވެގެން 10 އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވުން.

އެމްޓީސީސީގެ ބޯޑުގައި 7 ޑިރެކްޓަރުން ތިއްބަވައެވެ. އެއީ ސަރުކާރުގެ ފަރާތުން 5 ޑިރެކްޓަރުންނާއި ޢާންމު ޙިއްޞާދާރުން އިންތިހާބުކުރާ 2 ޑިރެކްޓަރުންނެވެ.