ޚަބަރު

ރައީސްގެ ވަޢުދާ އެއްގޮތަށް ބޭރު ފައިސާގެ މުޢާމަލާތްކުރެވޭ އީ-ވޮލެޓުގެ ޚިދުމަތް ތަޢާރަފްކޮށްފި


  • އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށާއި ކުދި ވިޔަފާރިވެރިންނަށް ފައިދާކުރާނެ

  • ބޭރުގެ ޕްލެޓްފޯމްތަކުގައި ފައިސާގެ މުޢާމަލާތުކުރެވޭ ގޮތް ހެދުމަކީ ކާމިޔާބަށް އެޅުނު މުހިންމު ފިޔަވަޅެއް

  • ބޭރުގެ ޕްލެޓްފޯމްތަކުގައި ފައިސާގެ މުޢާމަލާތުކުރެވޭ ގޮތް ބީއެމްއެލްއިން ބްލޮކުކުރީ 2020 ވަނަ އަހަރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، ޑިޖިޓަލް ވޮލެޓު ހިމެނޭހެން އޮންލައިންކޮށް ފައިސާ ޓްރާންސްފަރކުރެވޭ ޕްލެޓްފޯމްތަކުން މުޢަމަލާތުކުރެވޭ ގޮތް ބޭންކް އޮފް މޯލްޑިވްސްއިން ހަމަޖައްސައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ބުނީ މީގެ ކުރިން ބްލޮކްކޮށްފައިވާ ބޭރުގެ މާރޗަންޓުން ނުވަތަ އޮންލައިންކޮށް ފައިސާގެ މުޢާމަލާތްތައްކުރެވޭ ޕްލެޓްފޯމުތަކާއި ޑިޖިޓަލް ވޮލެޓުތަކުގެ ޚިދުމަތްތައް އަލުން މުޢާމަލާތްކުރެވޭގޮތް މިއަދު ހަމަޖައްސައިފައިވާ ކަމަށެވެ.

ބީއެމްއެލްއިން ބުނީ އަލުން ބޭރުގެ ޕްލެޓްފޯމުތަކުން ފައިސާގެ މުޢާމަލާތުކުރެވޭގޮތް މިއަދު ހަމަޖެހުމާއެކު ކަސްޓަމަރުންނަށް ބޭންކުގެ ވިސާ ޔޫއެސްޑީ، ކްރެޑިޓް ކާޑު ނުވަތަ މާސްޓަރކާޑް، ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށްގެން މި ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި، ފައިސާ ލިބޭނެ ގޮތް ހަމަޖެހޭނެ ކަމަށެވެ. އަދި މި ކާޑުތަކުގެ އިތުރުން ކާޑުގެ މައިގަނޑު އެކައުންޓެއްގެ ގޮތުގައި ޑޮލަރު އެކައުންޓާއެކު ބީއެމްއެލް ޑެބިޓް ކާޑުވެސް ބޭނުންކުރެވޭނެކަމަށް އެ ބޭންކުން ބުންޏެވެ.


ޚިދުމަތަށް ގެނެވުނު ބަދަލާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އީއޯ ކާރލް ސްޓުމްކަ ވިދާޅުވީ މި ބަދަލު ގެނައުމަށް ނިންމީ ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށާއި ކުދި ވިޔަފާރިވެރިންނަށް ފަސޭހަ ކޮށްދިނުމަށް ކަމަށެވެ. އެގޮތުން އެ ފަރާތްތަކުގެ ޢާންމު ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ރާއްޖެއިން ބޭރުން ލިބޭ ފައިސާއަށް ބަރޯސާވާންޖެހޭކަން ކާރލް ސްޓުމްކަ ފާހަގަކުރެއްވިއެވެ.

"ހަމައެހެންމެ މިއީ ބޭންކިންގ އާއި ޕޭމަންޓް ހިދުމަތްތަކުން ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެޅިގެންދާ އިތުރު ފިޔަވަޅެއްވެސްމެ." ސީއީއޯ ވިދާޅުވިއެވެ.

ބީއެމްއެލްއިން ގެނައި މި ބަދަލާ ގުޅިގެން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ބަދަލާ ގުޅިގެން އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށާއި، ކުދި ވިޔަފާރިވެރިންނަށް އޮންލައިންކޮށާއި ޑިޖިޓަލްކޮށް ޑޮލަރުގެ ވިޔަފާރިކުރުމަށް ފަސޭހަވާނެ ކަމަށެވެ. އަދި ބީއެމްއެލްގެ ކާމިޔާބަށް މިއީ މުހިންމު ނިންމުމެއް ކަމަށް ސަޢީދު ސިފަކުރެއްވިއެވެ.

ބޭރުގެ ޕްލެޓްފޯމުތަކުގައި ޑޮލަރުގެ މުޢާމަލާތްތަކާއި ޑިޖިޓަލް ވޮލެޓުގެ ޚިދުމަތް ބީއެމްއެލްއިން ބްލޮކުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އޭރު ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ނިންމުން ނިންމީ ބޭރުގެ ފައިސާ ރާއްޖެއިން ބޭރުވުން ކޮންޓްރޯލްކުރުމަށާއި ރާއްޖެއަށް އެތެރެކުރަންޖެހޭ ކޮންމެހެން މުހިންމު ކަންކަމަށް ބޭރުގެ ފައިސާ ބެހެއްޓުމުގެ ގޮތުން ކަމަށެވެ. އެ ދުވަސްވަރަކީ ކޮވިޑު-19ގެ ދުވަސްވަރަށްވުމުން ޑޮލަރު ލިބުމުގެ ދަތިކަން ވެސް ރާއްޖޭގެ އިތުރުން އެކި ޤައުމުތަކަށް ވަނީ ކުރިމަތިވެފައެވެ.

މާލީ މުޢާމަލާތްތަކަށް އީޖާދީ ޚިދުމަތްތައް ރާއްޖެއަށް ތަޢާރަފު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. މިގޮތުން އަންނަ މެއި މަހުގެ ތެރޭގައި އީ-ވޮލެޓުގެ ޚިދުމަތް ތައާރަފު ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މި ވޮލެޓާއެކު ޕޭޕާލް ފަދަ ޚިދުމަތްތައް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތަކަށް މަގުފަހިވެގެންދާނެއެވެ.