ޚަބަރު

މަޖިލިސް އިންތިޚާބު: ވޯޓަރސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރަން ފަށައިފި


  • ސޮއިކުރުން ކުރިއަށްދަނީ ދަރުބާރުގޭގައި

  • ސުންގަޑިއަކީ މާދަމާ ރޭ 12:00

  • 93 ދާއިރާއިން 368 ކެންޑިޑޭޓުން ވާދަކުރޭ

އަންނަމަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ދާއިމީ ވޯޓަރސް ލިސްޓުގައި ކެންޑިޑޭޓުންނާއި މަންދޫބުން ސޮއިކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއިން 368 ކެންޑިޑޭޓުން ވާދަކުރެއެވެ.

ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުން ކުރިއަށްދަނީ މިއަދާ މާދަމާއެވެ.

އެގޮތުން ހޮނިހިރު އަދި އާދީއްތަ ދުވަހު ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަދި ރޭގަނޑު 09:00 އިން 12:00 ގެ ނިޔަލަށް ސޮއިކުރުން ކުރިއަށްދާނެއެވެ. ވޯޓަރސް ލިސްޓުގައި ސޮއިކުރުން ކުރިއަށްދަނީ އިންތިޚާބާ ބެހޭ މައި މަރުކަޒު ދަރުބާރުގޭގައެވެ.

ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން އަންނަނަމަ އެކަން ބަޔާންކޮށް ބަދަލުގައި އަންނަ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭގޮތަށް، ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަންޖެހޭނެކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ. އަދި ސޮއިކުރަން ހާޒިރުވާއިރު އެމީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންދަންވާނެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިލެކްޝަން ކޮމިޝަންގެ ރެޖިސްޓްރޭޝަން ސެކްޝަންގެ ހެޑް ޢަލީ އަބްދުލްރަޙްމާން ވިދާޅުވީ، ވޯޓަރސް ލިސްޓުގައި ކެންޑިޑޭޓުން ނުވަތަ މަންދޫބުން ސޮއިކުރުމަކީ ޤާނޫން މަޖުބޫރުކަމެއް ނޫންނަމަވެސް، މިއީ އިންތިޚާބު ދެފުއްފެންނަ ގޮތެއްގައި ކުރިއަށްގެންދިއުމަށް ވަރަށް މުހިންމުކަމެއްކަމަށެވެ. މީގެ ސަބަބުން އިލެކްޝަން ކޮމިޝަނުން އެކުލަވާލާފައިވާ ލިސްޓުގެ ސައްޙަކަށް ކެންޑިޑޭޓުންނަށް ކަށަވަރުވެގެންދާނެކަމަށް އަލީ އަބްދުއްރަޙްމާން ވިދާޅުވިއެވެ.

"މިހާރު މި ސޮއިކުރާ ލިސްޓް ހަމަ އޮތްގޮތަށް ވޯޓުލާ މަރުކަޒަށް ފޮނުވާނީ. އޭރުން ނުބުނެވޭނެ އުނި އިތުރެއް ގެނެސްފައޭ ވަނީ. އެކަން ކަށަވަރުވާނެ ކެންޑިޑޭޓުންނަށް." އިލެކްޝަން ކޮމިޝަންގެ ރެޖިސްޓްރޭޝަން ސެކްޝަންގެ ހެޑް ޢަލީ އަބްދުލްރަޙްމާން ވިދާޅުވިއެވެ.

މިހާރު ހުޅުވާލާފައިވާ ފުރުޞަތުގެ ބޭނުން ކެންޑިޑޭޓުން ފުރިހަމައަށް ހިފުމަށް އިލެކްޝަންސް ކޮމިޝަނުން އެދެއެވެ.

ފައިނަލް ވޯޓަރސް ލިސްޓް އާއްމުކުރީ މިމަހުގެ 25 ވަނަ ދުވަހުއެވެ. މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ޖުމްލަ 284،663 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ.