ކުޅިވަރު

"ސަރުކާރުގެ ކުޅިވަރު މެނިފެސްޓޯ ތަންފީޒުކުރަން އެންމެ އިސްސަފުގައި މަސައްކަތްކުރާނީ ވޮލީ އެސޯސިއޭޝަން"


ދިވެހި ސަރުކާރުގެ ކުޅިވަރު މެނިފެސްޓޯ ތަންފީޒުކުރަން އެންމެ އިސްސަފުގައި މަސައްކަތްކުރާނީ ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ކަމަށް އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގެންނެވި މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ވީއޭއެމުގެ ރައީސްގެ މަގާމަށް ލަތީފް އިންތިޚާބުކުރެއްވިއިރު، އެ މަގާމު ހުސްވީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި މުޙައްމަދު ރަނޭޝް (ރަނޭ)، މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު މަގާމުން އިސްތިއުފާދެއްވުމުންނެވެ.

މިދިޔަ އަންގާރަ ދުވަހުގެރޭ ބޭއްވި އިންތިޚާބުގައި ވީއޭއެމުގެ ރައީސްގެ މަގާމަށް ލަތީފް އެކަނި ކުރިމަތިލެއްވިއިރު، ވީއޭއެމުގެ އަސާސީ ގަވާއިދު ބުނާ ގޮތުން މަގާމަކަށް އެއް ބޭފުޅަކު ކުރިމަތިލައްވައިފިނަމަ، ވޯޓަކާ ނުލައި އެ މަގާމަކަށް އެ ބޭފުޅަކު ހޮވިވަޑައިގަންނަވާނެއެވެ. އެހެންކަމުން ލަތީފް އާއެކު ހުސްވެފައިވާ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލެއްވި މެންބަރުން ވަނީ ވޯޓަކާ ނުލައި އެ މަގާމުތަކަށް ހޮވިވަޑައިގެންފައެވެ.

އެރޭގެ އިންތިޚާބީ ކޮންގްރެސްއަށްފަހު "ޕީއެސްއެމް ސްޕޯޓްސް" އަށް ދެއްވި އިންޓަރވިއުއެއްގައި ލަތީފް ވިދާޅުވީ އިންތިޚާބެއްގައި ވާދަވެރިކަން ހުރި ނަމަވެސް، އިންތިޚާބު ނިމުމާއެކު އެންމެން އެކުގައި މަސައްކަތްކުރުމަށް ގޮވާލާ ކަމަށެވެ. އަދި އެއްވެސް ތަފާތުކުރުމެއް ނެތި އެންމެހާ ބޭފުޅުންނަށް ވޮލީބޯޅަ އެސޯސިއޭޝަނުގައި މަސައްކަތްކުރެވޭނެ ކަމަށާއި، އެ އެންމެންގެ ހައްގު ހިމާޔަތްކުރުމުގައި މަސައްކަތް ކޮށްދެއްވާނެ ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

ވީއޭއެމުން އިންތިޚާބު ބޭއްވިއިރު، މީގެ ކުރިން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވަނީ އެ އެސޯސިއޭޝަނުގެ އިންތިޚާބުގެ ކަންކަން މަޑުޖައްސާލުމަށް އަންގާފައެވެ. އަދި އޭގެ ފަހުން އިންތިޚާބު ބޭއްވުމަށް ފުރުސަތު ދީފައިވަނީ ވީއޭއެމުގެ އޮޑިޓުގެ މަސައްކަތް ކުރަަން މުހުލަތެއްދިނުމަށްފަހު، ގާނޫނީ ގޮތުން ދެން ފުރިހަމަވާން ޖެހޭ ކަންކަންވެސް ފުރިހަމަކުރުމަށް އެންގުމަށްފަހުއެވެ.

ލަތީފް ވަނީ ވީއޭއެމުގެ ކަންކަން ކުރިއަަށްގެންދިއުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް ދެއްވި އެއްބާރުލުން ފާހަގަކުރައްވާފައެވެ. އަދި ދިވެހި ސަރުކާރުގެ ކުޅިވަރު މެނިފެސްޓޯގައި ވޮލީއަށް މުހިންމު ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި ވިދާޅުވީ އެ މެނިފެސްޓޯ ތަންފީޒުކުރުމަށްޓަކައި، ސަރުކާރާ ވަރަށް ގާތުން އެންމެ އިސް ސަފުގައި ވޮލީބޯޅަ އެސޯސިއޭޝަން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"
ދެން ހަމަ އެއާއެކު ދިވެހި ސަރުކާރުގެ ކުޅިވަރު މެނިފެސްޓޯގައި ވަރަށް މުހިންމު ކަންތައްތަކެއް އަޅުގަނޑުމެންނަށްޓަކައި އެބަހުރި. އެހެންވީމަ ދިވެހި ސަރުކާރުގެ ކުޅިވަރު މެނިފެސްޓޯ ތަންފީޒުކުރުމަށްޓަކައި، ސަރުކާރާ ވަރަށް ގާތުން އެންމެ އިސް ސަފުގައި މަސައްކަތްކުރާނީ ވޮލީބޯޅަ އެސޯސިއޭޝަން ކަމުގެ ޔަގީންކަން ދެން.
މުޙައްމަދު ލަތީފް - ވީއޭއެމުގެ ރައީސް

ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ރައީސްކަމުގެ ދެވަނަ ދައުރެއް ފުރުއްވަމުން އަންނަ ލަތީފް އަނެއްކާވެސް ވީއޭއެމުގެ ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގެންނެވިއިރު، އޭނާ ވަނީ 2016 އިން 2019 އަށް ވީއޭއެމުގެ ރައީސްގެ މަގާމު ފުރުއްވާފައެވެ. އޭނާގެ މަގާމު އެ ފަހަރު ގެއްލުނީ ކުރީގެ ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަޙްމަދު ސަލީމް، ވީއޭއެމުގެ މައްސަލައެއް ބަަލައި، އޭރު އޮތް ހިންގާ ކޮމިޓީ އުވާލައި، އެސޯސިއޭޝަން އިންޓަރިމް ހާލަތަކަށް ގެންނަން ނިންމުމުންނެވެ.

ވީއޭއެމުން ހުސްވެފައިވާ ހިންގާ ކޮމިޓީގެ މަގާމުތަކަށް ބޭފުޅުން އިންތިޚާބުކުރިއިރު، މިހާރު އޮތް ހިންގާ ކޮމިޓީގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހެވެ.