ކުޅިވަރު

ވެޓެރަންސް ލީގު: ޕޮލިސް ބަލިކޮށް ސިފައިންގެ ކުލަބު ސެމީގެ އުއްމީދުގައި


އެފްއޭއެމް ވެޓެރަންސް ލީގު 2024 ގައި އިއްޔެ ހަވީރު ޕޮލިސް ކުލަބު ބަލުކޮށް، ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އިން ސެމީ ފައިނަލުގެ ޖާގައެއް ހޯދުމުގެ އުއްމީދު އައުކޮށްފިއެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި އިއްޔެ ކުޅުނު ގްރޫޕް އޭގެ މެޗު ސިފައިންގެ ކުލަބުން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ސިފައިންގެ ކުލަބުންނެވެ. މެޗު ފަށައިގެން 12 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަބްދުލް ސަމަދެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕޮލިސް ކުލަބުން ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ޝާހިދެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން ސިފައިންގެ ކުލަބުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 47 ވަނަ މިނެޓުގައި އެ ޓީމުން ވަނީ އަލުން ލީޑު ނަގާފައެވެ. މި ލަނޑު ސިފައިންގެ ކުލަބަށް ކާމިޔާބުކޮށްދިނީ އަޙްމަދު ފަޒަލްއެވެ. އަދި މެޗުގެ 57 ވަނަ މިނެޓުގައި ފަޒަލް އިތުރު ލަނޑެއް ކާމިޔާބުކޮށްދިންއިރު، އޭގެ ދެ މިނެޓު ފަހުން އޭނާ ވަނީ މި މެޗުގައި ހެޓްރިކް ހަދާފައެވެ. ނަމަވެސް މި މެޗުގައި ޕޮލިސް ކުލަބުން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ އަންދާޒް މުޙައްމަދެވެ.

މި މެޗުން ސިފައިންގެ ކުލަބު މޮޅުވިއިރު، އެ ޓީމު އޮތީ ގްރޫޕް އޭގެ ދެވަނައިގައި ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ކުލަބުން ވަނީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓް ހަމަކޮށްފައެވެ. ދެން މި ގްރޫޕުން ސެމީގެ ޖާގައަކަށް ވާދަކުރަމުން އަންނަ ހުއްރިއްޔާ ސްޕޯޓްސް ކުލަބު އޮތީ ތާވަލުގެ ތިންވަނައިގައި ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކުއެވެ.

40 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބާއްވާ ވެޓެރަންސް ލީގު މި ފަހަރު ކުރިއަށްދަނީ 10 ޓީމުގެ މެދުގައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބުގެ އިތުރުން ގްރޫޕް އޭގައި ހިމެނެނީ ހުޅުމާލެ ވެޓެރަންސް އާއި، ހުއްރިއްޔާ އަދި ވިލިމާލެ ޔުނައިޓެޑެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ އެންމެ ފަހުގެ ރަނަރަޕް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި، މޯލްޑިވްސް ސޮކަރ މޭޓްސް އާއި، މުއިވެޔޮ ފްރެންޑްސް އާއި، ލެގޫންސް ސްޕޯޓްސް ކުލަބު އަދި ކުލަބު ސްޓެލްކޯއެވެ.