ކުޅިވަރު

ވެޓެރަންސް ލީގު: ލެގޫންސް ބަލިކޮށް ދަ ގްރާންޑޭ ސެމީއަށް


އެފްއޭއެމް ވެޓެރަންސް ލީގު 2024 ގައި މިއަދު ހަވީރު ކުޅުނު މެޗުގައި ލެގޫންސް ސްޕޯޓްސް ކުލަބު ބަލިކޮށް، އެންމެ ފަހުގެ ރަނަރަޕް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ބީގެ މެޗު ދަ ގްރާންޑޭއިން ކާމިޔާބުކުރީ ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ދަ ގްރާންޑޭއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗު ފަށައިގެން އަށްވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ދަ ގްރާންޑޭއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަޙްމަދު ޝަކީބެވެ. އަދި އޭގެ ތިން މިނެޓު ފަހުން ޝަކީބް ވަނީ އިތުރު ލަނޑެއް ޖަހައި، އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ދަ ގްރާންޑޭއިން މޮޅު ކުޅުމެއް ދެއްކިއިރު، މި ހާފު ފަށައިގެން ހަވަނަ މިނެޓުގައި އެ ޓީމުން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސައުދު އިސްމާޢީލެވެ.

އެކަމަކު މެޗުގެ 43 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ހުސެއިން ރަޝީދު ވަނީ ލެގޫންސްއަށް ފަރަގު ކުޑަކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ދަ ގްރާންޑޭގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން، ރެފުރީ ދިން ޕެނަލްޓީއެކެވެ. ނަމަވެސް މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ހަސަން ޝަރީފް ވަނީ ދަ ގްރާންޑޭއަށް އަލުން ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުން މޮޅުވެ ދަ ގްރާންޑޭއިން ސެމީގެ ޖާގައެއް ކަށަވަރުކުރިއިރު، އެ ޓީމުން ވަނީ މިހާތަނަށް ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓް ހަމަކޮށްފައެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތް މުއިވެޔޮ ފްރެންޑްސްއަށް ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް މޯލްޑިވްސް ސޮކަރ މޭޓްސް (އެމްއެސް މޭޓްސް) އަށް ތިން މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

40 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބާއްވާ ވެޓެރަންސް ލީގު މި ފަހަރު ކުރިއަށްދަނީ 10 ޓީމުގެ މެދުގައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، ދަ ގްރާންޑޭ އާއި ލެގޫންސްގެ އިތުރުން ގްރޫޕް ބީގައި ހިމެނެނީ މުއިވެޔޮ އާއި، އެމްއެސް މޭޓްސް އަދި ކުލަބު ސްޓެލްކޯއެވެ. އަދި ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް އާއި ވިލިމާލެ ޔުނައިޓެޑާއި، ޕޮލިސް ކުލަބާއި، ހުއްރިއްޔާ އަދި ދިވެހި ސިފައިންގެ ކުލަބެވެ.