ކުޅިވަރު

"ރަމަޟާން މަހު ކުރިއަށްދިޔަ ބިލިއާޑް ހަރަކާތްތަކުގެ އަމާޒަކީ އެކުވެރި ކޮމިއުނިޓީއެއް ބިނާކުރުން"


މި ރަމަޟާން މަހު ކުރިއަށްދިޔަ ބިލިއާޑް ހަރަކާތްތަކުގެ އެންމެ ބޮޑު އަމާޒަކީ އެކުވެރި ކޮމިއުނިޓީއެއް ބިނާކުރުން ކަމަށް މޯލްޑިވިސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ބުނެފިއެވެ.

ރަމަޟާން މަހާ ގުޅުވައިގެން ބިލިއާޑް ކޮމިއުނިޓީއަށް ޚާއްސަކޮށް ކޮންމެ އަހަރަކުވެސް އަންނަނީ ހަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން ރަމަޟާން ކަޕް ބާއްވަމުން އަންނައިރު، މި ފަހަރު އެސޯސިއޭޝަނުން ވަނީ ގިނަ ކުޅުންތެރިން އެދުނު ގޮތަށް ޑަބަލް އިވެންޓެއް ބާއްވާފައެވެ. މި ބައިގެ ޗެމްޕިއަންކަން މި ފަހަރު ހޯދީ ހުސެއިން ފަޔާޒް އާއި އަހުސަން ހާޝިމުގެ ޕެއާއިންނެވެ. އަދި މުބާރާތުގެ ރަނަރަޕް ޕެއާއަކީ އިސްމާޢީލް ޖީހާން އާއި އަސްލަމް އަބްދުﷲ ގެ ޕެއާއެވެ.

މުބާރާތާ ގުޅޭގޮތުން އެސޯސިއޭޝަނުގެ ފަރާތުން މައުލޫމާތުދެއްވަމުން އިސްމާޢީލް ސުވެއިދު ވިދާޅުވީ މި ފަހަރު ފޯމެޓަށް ގެނައި ބަދަލަކީ ގިނަ ކުޅުންތެރިންނަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ. އެ ގޮތުން މީގެ ކުރިން އެލިމިނޭޓްވާ ގޮތަށް ކުރިއަށްދިޔަ މުބާރާތް، މި ފަހަރު ގުރޫޕުތަކަކަށް ބަހާލައިގެން ގެންދެވުނުކަން ވަނީ ފާހަގަކޮށްފައެވެ.

މި މުބާރާތް ކުރިއަށްދިޔައީ އަށް ގުރޫޕަކަށް ބަހާލައިގެން، ކޮންމެ ގުރޫޕަކުންވެސް އެންމެ މޮޅު ދެ ޕެއާ ދެވަނަ ބުރަށް ގޮސް، ނޮކްއައުޓް ބުރަށް ދާ ގޮތަށެވެ. ސުވެއިދް ވިދާޅުވީ މިފަދަ ހަރަކާތްތަކުގެ ސަބަބުން އެސޯސިއޭޝަނުގެ މެންބަރުންގެ މެދުގައި އެކުވެރިކަން އާލާކުރުން އެއީ އެންމެ ބޮޑު ބޭނުން ކަމަށެވެ. އަދި މި ފޯމެޓުގައި މުބާރާތް ބޭއްވުމުން އެކަން ފާހަގަވި ކަމަށާއި، އަލަށް މި ކުޅިވަރަށް ނުކުތް ކުޅުންތެރިންނަށް، ތަޖުރިބާކާރު ކުޅުންތެރިންނާއެކު ކުޅެ، ތަފާތު ތަޖުރިބާއެއް މުބާރާތުން ލިބުނު ކަމަށްވެސް ވިދާޅުވިއެވެ.

"
އަލަން އަންނަ ކުޅުންތެރިންނަށް، މުބާރާތުގައި ބައިވެރިވި ތަޖުރިބާކާރު ކުޅުންތެރިންނާއެކު ޕެއާ ހަދައިގެން ނުކުމެ، ކުރިން އެހެން މުބާރާތްތަކުގައި ނުލބޭ ވަރަށް ބައިވަރު ތަޖުރިބާ މިކަހަލަ މުބާރާތަކުން ލިބުނު.
އިސްމާޢީލް ސުވެއިދު

ރަމަޟާން މަހަށް ޚާއްސަކޮށް އެކުވެރިކަން އާލާކުރުމައްޓަކައި ބިލިއާޑުން ރާވާ ހިންގާ ހަރާތްތަކުގެ ތެރޭގައި ގަވާއިދުން ރަމަޟާން މަސް ފެށެމުގެ ކުރިން ބާއްވާ މާހެފުމާއި، ޚާއްސަ ރޯދަވީލުމެއްގެ އިތުރުން ތާރީވީސް ދަމަށް ޚާއްސަކޮއްގެން ތައްޔާރުކުރާ ތަރާވީސް ފާހަގަކޮށްލެވެއެވެ.