ޚަބަރު

މޫސުމީ ބަދަލުތަކާ ގުޅޭ ދާއިރާއަށް ދޭންޖެހޭ ސަމާލުކަމާއި އަޅާލުން ދީފައެއް ނުވޭ: ވަޒީރު


  • މޫސުން ދެނެގަންނަ ޒަމާނީ ބަދަލުތައް ރާއްޖެއަށް މުހިންމުކަމަށް ވިދާޅުވި

  • ކުރީގެ ރާޑަރާއި ވެދަރ ސްޓޭޝަންތައް ހަލާކުވެފައި ހުރުމުގެ ކަންބޮޑުވުން ފާޅުކުރެއްވި

  • އައްޑޫގައި ޑޮޕްލަރ ރާޑަރ ސިސްޓަމެއް ބަހައްޓާނެކަމަށް ވިދާޅުވި

މޫސުން ދިރާސާކުރުމާއި މޫސުމީ ބަދަލުތަކާ ގުޅުންހުރި ދާއިރާ އޮތީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ދެކިފައި ކަމަށާއި ދާއިރާއަށް ދޭންޖެހޭ ސަމާލުކަމާއި އަޅާލުން ވޭތިވެދިޔަ އަހަރުތަކުގައި ދީފައި ނުވާކަމަށް މުސޫމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޔޫއެސްއެއިޑްގެ އެހީގައި ކުރިއަށްދާ މޯލްޑިވްސް އިމްޕެކްޓް-ބޭސްޓް ފޯކާސްޓް ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ. މި ޕްރޮގްރާމަކީ މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމާއި މޫސުމީ ހިރާސްތައް ކުޑަކޮށް އެފަދަ ޙާލަތްތަކުގައި ފިޔަވަޅު އެޅުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ ޕްރޮގްރާމެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވީ މޫސުމާ ގުޅޭ މަސައްކަތްތަކުގެ ދާއިރާއަކީ ރާއްޖެފަދަ ޤައުމަކަށް ވަރަށް މުހިންމު ދާއިރާއެއްކަމަށެވެ. އެމަނިކުފާނު ކުރީގައި ވަޒީރުކަމުގެ މަޤާމުގައި ހުންނެވިއިރު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ޚިދުމަތްތައް ފުޅާކުރެއްވުމަށް ގިނަ ޚިދުމަތްތަކެއް ޤާއިމުކުރެއްވި ނަމަވެސް، ވޭތުވެ ދިޔަ އަހަރުތަކުގައި އެކަމަށް އަޅާނުލެވުމުގެ ސަބަބުން މީގެ ގިނަ ވަސީލަތްތަކެއް މިހާރު ހުރީ ހަލާކުވެ ބޭނުން ނުކުރެވޭ ހާލަތުގައިކަމަށެވެ.

އެގޮތުން ރާއްޖޭގެ %45 ކަވަރ ކުރެވޭގޮތަށް ބަހައްޓާފައިވާ ޑޮޕްލަރ ވެދަރ ރާޑަރ ސިސްޓަމްވެސް ހުރީ ހަލާކުވެފައިކަމަށެވެ. މިއީ ވައިގެ އުދުހުންތަކަށް ބޭނުންވާ މޫސުމާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދޭ ސިސްޓަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އެރާޑަރު އަލުން ހަދާ، ބޭނުންކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރާއްޖޭގެ %45 ކަވަރ ކުރެވޭ ޑޮޕްލަރ ވެދަރ ރާޑަރ ސިސްޓަމެއް އައްޑޫގައި ބެހެއްޓުމުގެ މަސައްކަތް މިދަނީ ކުރަމުން. އެކަމުގެ މަޝްވަރާތައް ކުރިއަށްދޭ. ކުރިއަށް އޮތް 2 އަހަރުތެރޭ އެ ނިޒާމު ޤާއިމުކޮށް ބޭނުންކުރަން ފަށާނަން." މުސޫމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ 2013-2018އަށް އަތޮޅުތަކުގައި ޤާއިމުކުރި 44 އޮޓަމެޓިކް ވެދަރ ސްޓޭޝަންގެ ތެރެއިން ބޭނުންކުރެވޭ ޙާލަތުގައި ހުރީ 12 ސްޓޭޝަންކަމަށެވެ. ހަލާކުވެ ހުރި ސްޓޭޝަންތައް ހަދާ، އަލުން ޚިދުމަތް ދެވޭ ފެންވަރަށް ގެނައުމުގެ މަސައްކަތް މިހާރު ފަށްޓަވާފައިވާކަމަށް ޠާރިޤް ވިދާޅުވިއެވެ.

ޠާރިޤު ވިދާޅުވީ މޫސުމާ ބެހޭ ދިރާސާ ކުރުމާއި މިދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްޤީކުރެއްވުމަށްވެސް ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެކަމަށެވެ. މޫސުމާ ގުޅޭ މަޢުލޫމާތަކީ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައިވެސް މުހިންމު މަޢުލޫމާތުތަކަކަށްވާތީ، މިދާއިރާ ޒަމާނީ ބަދަލުތަކާއެކު ކޮންމެހެން ތަރައްޤީކުރަން ޖެހިފައިވާކަމަށް މުސޫމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވިއެވެ.